ޚަބަރު

ވިލިމާލެ ހޮސްޕިޓަލު ވަގުތީ އިމާރާތަށް ބަދަލުކުރަން މިމަހު ފަށަނީ


  • ވަގުތީ އިމާރާތުގެ ފިނިޝިންގެ މަސައްކަތްތައް ދަނީ ކުރަމުން

  • ޚިދުމަތްތައް ބަދަލުކުރަނީ ބައިބަޔަށް ބަހާލައިގެން ފުށުނާރާނެހެން

ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި ސިއްޙީ ޚިދުމަތްތައް ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަގުތީ އިމާރަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްކަމަށެވެ. އަދި އެ އިމާރާތުގައި ލިފްޓެއް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެން ޚިދުމަތަށް ބުރު ނާރާނެހެންކަމަށެވެ. އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި އޯޕީޑީއާއި ވެކްސިން ޖެހުންފަދަ ޚިދުމަތްތައްކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަގުތީ އިމާރާތައް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

"ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ޚިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ. މިހާރުގެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.