ކުޅިވަރު

ޗެމްޕިއަންސް ޓްރޮފީ އަންހެން ކްރިކެޓް މުބާރާތް އިންޑިޔާގައި


އައިސީސީ ޗެމްޕިއަންސް ޓްރޮފީ އަށް ކުޅޭ އަންހެނުންގެ ފުރަތަމަ ކްރިކެޓް މުބާރާތް ބާއްވާނެ ގައުމަކީ އިންޑިޔާ ކަމަށް ހަމަޖައްސައިފި އެވެ.

ކުރިން މި މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ސްރީލަންކާގަ އެވެ. އަންނަ ފެބްރުއަރީ 14އިން 28 އަށް ބާއްވަން ހަމަޖައްސާފައިވާ މުބާރާތް ލަންކާގައި ނުބާއްވަން ނިންމީ ސަރުކާރުގެ ނުފޫޒު ވަދެ ލަންކާގެ ކްރިކެޓް ބޯޑު އިންޓަރިމް ހާލަތަށް ގެނެސްފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުންނެވެ. މިދިޔަ އޭޕްރީލް މަހު ލަންކާގެ ކްރިކެޓް ބޯޑުގެ އެންމެހާ މެމްބަރުންގެ މަގާމު ގެއްލުވާލުމުން މިހާރު ކްރިކެޓް ބޯޑު ހިންގަމުންދަނީ ނުވަ މެމްބަރުންގެ ވަގުތީ ބޯޑަކުންނެވެ. މި މެމްބަރުންގެ ވާޖިބަކީ އައު އިންތިހާބެއް ބޭއްވުމެވެ.

ލަންކާ އަތުން ރައިޓްސް ނެގުމަށްފަހު މި މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން އައިސީސީން ވަނީ ތިން ގައުމެއްގެ ވަސީލަތްތައް އިންސްޕެކްޓް ކޮށްފަ އެވެ. އެއީ ބަނގްލަދޭޝް އާއި އިންޑިޔާ އާއި ދެކުނު އެފްރިކާ އެވެ. މިހާރު ނިންމާފައިވަނީ މުބާރާތް ކުޅޭނީ އިންޑިޔާގެ މުމްބާއީގައި ކަމަށެވެ.

މި މުބާރާތް އިންޑިޔާގައި ބާއްވަން ނިންމުމުން ލަންކާ ސަސްޕެންޝަނުގައި އޮތަސް އެ ގައުމަށް މުބާރާތް ކުޅެވޭ ގޮތްވާނެ އެވެ. ސަބަބަކީ ލަންކާ އަކީ އައިސިސީ ރޭންކިންގެ ހަ ވަނަ ގައުމަށް ވެފައި ގަދަ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އިންޑިޔާ ކަމުގައިވާތީ އެވެ. ގަދަ ފަހަކުން ބޭރުން ގައުމެއްގައި މުބާރާތް ބާއްވާނަމަ ލަންކާ އަށް ލިބިފައިވާ ޖާގައާ މެދު ސުވާލު އުފެދޭނެ އެވެ.

އައިސީސީގެ ޗެއާމަން ޖޭ ޝާހް ވިދާޅުވީ މި މުބާރާތަކީ ދުނިޔޭގެ އަންހެން ކްރިކެޓް ކުޅުންތެރިންނަށް އިތުރަށް ކުރިއަރައިދާން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެއްތަނަކުން ބައްދަލުވާނެ އައު މުބާރާތެއް ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އަހަރުމެންގެ އަމާޒަކި މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުން. މީގެ ސަބަބުން އަންހެން ކްރިކެޓްގެ މާކެޓިން ވެލިއު މަތިވެ. ސަޕޯޓަރުންނާއި ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ،" ޖޭ ވިދާޅުވި އެވެ.

މުބާރާތް ކުޅެން ނިންމާފައިވަނީ ގަދަ ހަ ގައުމުގެ މެދުގައި ލީގު އުސޫލުންނެވެ. އެ ގައުމުތަކަކީ ލަންކާ އާއި އިންޑިޔާ އާއި އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑާއި ދެކުނު އެފްރިކާ އާއި އިންގްލޭންޑެވެ.