ޚަބަރު

މެޑިކަލް ހެދުމަށްފަހު ބަލޮގަން އެވަޓަން އަށް ނުދިޔަ


ފްރާންސްގެ މޮނާކޯ އަށް ކުޅެމުންދިޔަ އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލޮގަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަން އަށް ބަދަލުވުމަށް އެ ކްލަބުގެ މެޑިކަލް ހެދުމަށްފަހު ކްލަބް ބަދަލުނުކުރުމަށް ނިންމައިފިއެވެ.

ބަލޮގަން ކުޅެމުންދާ މޮނާކޯ އާއި އެވަޓަން އެތަކެއް ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު ދެ ކްލަބުން އެއްބަސްވެފައިވަނީ 54 މިލިއަން އެމެރިކާ ޑޮލަރަށް ބަލޮގަން އެވަޓަން އަށް ވިއްކާލުމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެޑްއޮންގެ ގޮތުގައި އިތުރު 5.8 މިލިއަން އެމެރިޚާ ޑޮލަރު ހިމެނިފައިވާކަމަށްވެސް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނަމަވެސް އެވަޓަންގެ މެޑިކަލް ހެދުމަށްފަހު އިތުރު މައްސަލަތަކެއް ފާހަގަ ކުރެވުމާއިއެކު އެވަޓަންއިން ވަނީ ކުޅުންތެރިޔާގެ ސޮއި ކުރުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނުމުގެ އިތުރުން ކުރިން އެއްބަސްވި ގޮތަށް ބަދަލުތަކެއް ގެނައުމަށް މަޝްވަރާކޮށްފައެވެ.

ދެ ކްލަބުގެ ދެމެދުގައި އިތުރު ވާހަކަތަކެއް ދެކެވެމުންދަނިކޮށް ބަލޮގަން ވަނީ އެވަޓަންއަށް ބަދަލުނުވާން ނިންމާ އެ ހުށައެޅުން ދޫކޮށް އަލުން އަނބުރާ ފްރާންސަށް ގޮސްފައެވެ.

ބަލޮގަން މަޝްހޫރުވެގެންދިޔައީ ދާދި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި ދެއްކި ރަތްކާޑަކަށް އަމަލުކުރަން އަހަރަކަށް ފަސްކުރުމުންނެވެ. މުބާރާތުގެ ދެވަނަ ބުރުގައި ބަލޮގަންއަށް ރަތްކާޑް ދެއްކީ ބޮސްނިޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުރި ނުރައްކާތެރި ފައުލަކަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒާއެކު އެކާޑަށް އަމަލުކުރުން އަހަރަކަށް ފަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގަދަ 16 ޓީމްގެ ބުރުގައި ބެލްޖިއަމް އާއި ދެކޮޅަށް ބަލޮގަން ކުޅުނެވެ.

2023 ވަނަ އަހަރު އާސެނަލް އިން މޮނާކޯ އަށް ބަދަލުވި ބަލޮގަން ވަނީ އެ ކްލަބަށް ކުޅެދިން 91 މެޗުގައި 31 ލަނޑު މޮނާކޯ އަށް ޖަހައިދީފައެވެ.