ކުރިއަށް އޮތް މަސްތަކުގައި "އެލް ނީނޯ" ބާރު ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ޙާލަތު ދެމިއޮންނާނެކަން ގާތްގަނޑަކަށް ޔަޤީންވެފައިވާ ކަމަށް އދގެ މޫސުމާ ބެހޭ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ)އިން ބުނެފިއެވެ.
ޑަބްލިއުއެމްއޯއިން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު އެލް ނީނޯ އޭގެ އެންމެ ނުރައްކާތެރި މިންވަރަށް ގަދަވާނެއެވެ. އަދި އޭގެ ނޭދެވޭ އަސަރުތައް 2027 ވަނަ އަހަރާ ހަމައަށް ދިގުދެމިގެންދާނެ ކަމަށް ބެލެވެއެވެ. އެ އިދާރާއިން ފާހަގަކުރި ގޮތުގައި، މި ޙާލަތު މިހާރު ފުރިހަމައަށް ޤާއިމުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވާރޭވެހުމަށާއި ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އައިސް، ފެންބޮޑުވުމާއި، ގަދަވަޔާއި، އާދަޔާޚިލާފަށް ހޫނުގަދަވުން ފަދަ ނުރައްކާތެރި މޫސުމީ ކާރިސާތައް ކުރިމަތިވާނެއެވެ.
އެލް ނީނޯއަކީ ގުދުރަތީ ގޮތުން ހިނގާ ކަމެއް ނަމަވެސް، އިންސާނުން ބޭނުންކުރާ ފޮސިލް ފިއުލްގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރު އިތުރުވެ، މިފަދަ ކާރިސާތަކުގެ ބާރު އިތުރަށް ގަދަވަމުންދާ ކަމަށް ސައިންސްވެރިން ބަޔާންކުރެއެވެ.
މިކަމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭސް ވިދާޅުވީ، އެލް ނީނޯގެ ބާރު އިންތިހާއަށް ގަދަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ދުނިޔެ މިހާރު ދަތުރުކުރަމުން ދަނީ އަންދާޒާކުރަން ދަތި ނުރައްކާތެރި މިސްރާބަކަށް ކަމަށެވެ. އަދި ކަނޑުތަކުގެ ހޫނުމިން މައްޗަށް ގޮސް ދުނިޔެ ނުރައްކަލަށް ހުށަހެޅިފައިވާއިރު، އެ ޙާލަތުން ރައްކާތެރިވުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ކާމިޔާބުކުރަން މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެލް ނީނޯގެ ސަބަބުން ދުނިޔޭގެ އާބާދީތަކަށާއި އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޑަބްލިއުއެމްއޯގެ ވެރިޔާ ސެލެސްޓް ސައުލޯ ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވީ، ވާރޭ ނުވެހި ހަނަފަސްވުމާއި، އާދަޔާޚިލާފަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް މިހާރުވެސް ފެންނަމުންދާތީ، ކާރިސާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާ އިދާރާތަކާއި، ދަނޑުވެރިކަމާއި، ސިއްޙަތާއި، ހަކަތައާއި އަދި ފެނުގެ ދާއިރާ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ދާއިރާތަކުން ފިޔަވަޅު އެޅުމުގައި އިތުރު ވަގުތު ބޭކާރުކުރެވެން ނެތް ކަމަށެވެ.
އާންމުގޮތެއްގައި ކޮންމެ 2 އަހަރާއި 7 އަހަރާ ދެމެދުގެ އުފެދޭ މި ޙާލަތުގެ ސަބަބުން، އިކުއޭޓަރު ސަރަހައްދުގެ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުގެ ފިނިހޫނުމިން އާދަޔާޚިލާފަށް އުފުލިގެންދެއެވެ. ޑަބްލިއުއެމްއޯގެ މިންގަނޑުތަކަށް ބަލާއިރު މިފަހަރުގެ އެލް ނީނޯ ބެލެވެނީ ވަރަށް ވަރުގަދަ ނުވަތަ އެންމެ މަތީ ދަރަޖައިގެ ނުރައްކަލެއްގެ ގޮތުގައެވެ. އަދި އަންނަ ފެބްރުއަރީ މަހާ ހަމައަށް މި ޙާލަތު ދެމިއޮތުމުގެ ފުރުޞަތު މިހާރު ވަނީ ގާތްގަނޑަކަށް ޔަޤީންކުރެވިފައެވެ.
ޕެސިފިކް ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ނޭދެވޭ އަސަރު އެތައް ހާސް ކިލޯމީޓަރެއްގެ ދުރުމިނުގައިވާ ސަރަޙައްދުތަކަށް ވެސް ކުރާނެއެވެ. މިގޮތުން އެމެޒަން، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކަށް ވިއްސާރަ ނުވެހި ހަނަފަސްވުމާއި، އިންޑިއާގެ މޫސުމީ ވިއްސާރައަށް ބުރޫއެރުން ފަދަ ކަންކަން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެދުއިރުމަތީ އިކުއޭޓަރު ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން ވަނީ އާންމު އެވްރެޖަށްވުރެ 2.2 އިން 2.6 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަދި ބައެއް ސަރަޙައްދުތަކުގެ ކަނޑުގެ އަޑީގެ ފިނިހޫނުމިން އެވްރެޖަށްވުރެ 8 ޑިގްރީ ސެލްސިއަސް މަތީގައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
މި ބަދަލުތަކާއެކު، ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެއްގަމު ސަރަޙައްދުތަކުގެ ފިނިހޫނުމިން ވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.