ވޮލީ ތަރައްޤީކޮށް ކުރިއެރުވުމަށް މިހާތަނަށް ސަރުކާރުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވޮލީ ސީޒަން ފެށުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ އެގްޒިބިޝަން މެޗް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ ވިދާޅުވީ އަދުގެ ސަރުކާރުން މުޅި ރާއްޖެއަށް ވޮލީ ތަރައްޤީކޮށް ފުޅާކުރެއްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންސާހަށްވުރެ ގިނަ ވޮލީ ކޯޓް އަޅާފައިވާނެ ކަމަށެވެ. އަދި ވޮލީ އެސޯސިއޭޝަންއިން ބައިވެރިވާ އެކިއެކި މުބާރާތްތަކަށް މިހާތަނަށް 2.9 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" ވޮލީ ތަރައްޤީކޮށް ކުރިއެރުވުމަށް އަދުގެ ސަރުކާރުން ބޮޑު އިސްކަމެއްދޭ. ޚާއްސަކޮށް މުޅި ރާއްޖެއަށް ވޮލީ ފުޅާކޮށް ތަރަޤީކުރުމަށް. މިހާރުވެސް މިހާތަނަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ވޮލީ ތަރައްޤީކުރުމަށް ޚަރަދުކޮށްފަ" މިނިސްޓަރ ވިދާޅުވިއެވެ.
ވޮލީ އެސޯސިއޭޝަނަށް އަލަށް އިންތިޚާބުވި އެކްސްކޯއަށް އިޝާރަތްކުރައްވާ މިނިސްޓަރ އިރުތިޝާމް ވިދާޅުވީ އައު އެކްސްކޯގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް މިނިސްޓްރީއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ވޮލީ ކުޅުންތެރިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ހޯދަމުންދާ ކާމިޔާބީ ފާހަގަކުރައްވާ ވޮލީއިން ރާއްޖެއަށް ރަން މެޑަލްއެއް ހޯދުމަށް ހުރިހާ ކުޅުންތެރިންނަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ހިތްވަރު ދެއްވާފައެވެ.