ޚަބަރު

ޤަވާއިދުތައް ތަންފީޒުކުރުމަށް ރައްޔިތުންދޭ އެއްބާރުލުން ފާހަގަކޮށްފި


  • ހޭލުންތެރިކުރުމުގެ ހަރަކާތް މާލޭގެ އެކި ސަރަޙައްދުގައި ކުރިއަށްގެންދިޔަ

  • 500އަށްވުރެ ގިނަ ފުލުހުން ބައިވެރިވި

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ޤަވާއިދުތަކަށް ބޯލެނބުމުގައި އާއްމު ރައްޔިތުންދޭ އެއްބާރުލުން ފާހަގަކުރުމާއި ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މާލެ ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 500އަށްވުރެ ގިނަ ފުލުހުން ބައިވެރިވިއެވެ.

ފުލުހުން ވަނީ މާލެ އެކި ސަރަޙައްދުތުގައި އެ ހަރަކާތުގެ ބައިތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މަގުތަކުގައާއި، ޕާކުތަކާއި ބަނދަރުމައްޗާއި އޮޑިދޯނިފަހަރު އަދި ގޭގެއަށް ގޮސް މަޢުލޫމަތު ޙިއްސާކުރުން ކުރިއަށްގެންދިޔައެވެ.

މި ހަރަކާތުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން އާންމުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމާއިއެކު، މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކުރުމެވެ.

ހެޑް އޮފް މާލެ ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޑް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިދިޔަ މަހަކީ ބޮޑެތި އެކްސިޑެންޓްތައް ހިނގި މަހެއްކަމަށާއި، މި ހަރަކާތުގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މެސެޖުތައް ދީފަވާކަމަށެވެ.

"މާލޭގެ އެކި ސަރަޙައްދަށް ނިކުމުގެ މުހިންމު މެސެޖުތަކެއް އެބަ ފޯރުކޮށްދެން. އެކްސިޑެންޓްތައް ހިންގަން މެދުވެރިވާ ސަބަބުތައް ބުނެދިނުމާއި، ގޭގޭގައި އަލިފާނުގެ ހާދިސާތަކަށް ހުށައެޅޭ ކަންކަން އެބަ ކިޔައިދެން." ހެޑް އޮފް މާލެ ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޑް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވިއެވެ.

ހެޑް އޮފް ޓްރެފިކް އޮޕަރޭޝަން، އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތް އަޙުމަދު ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށް ފުލުހުން ކުރާ މަސައްކަތޭ އެއްގޮތަށް، އެކަމަށް އަހުލުވެރި އަދި ސަމާލުކަންދޭ އެތައް ރައްޔިތުންވެސް އެބަތިބިކަމަށެވެ. މިއަދުގެ މި ހަރަކާތުގައި އެފަދަ ރައްޔިތުންގެ އަގުވަޒަންކުރާކަން ހާމަކޮށްދީ، މުހިންމު މެސެޖުތަކެއްވެސް ފޯރުކޮށްދެމުންދާކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ގިނަ މީހުން ޤަވާއިދުތަކަށް އިޙްތިރާމުކުރޭ. ރަނގަޅަށް ކުރާ ކަންކަން އަޅުގަނޑުމެއްވެސް ބަލައިގަންނަކަން މިއަދު މި ހާމަކޮށްދެނީ."ތަލްހަތް ވިދާޅުވިއެވެ.

މަގުމަތީގައި ގަވައިދާ އެއްގޮތަށް އުޅޭ މީހުން ފާހަގަކޮށް، ޚާއްސަ މެސެޖެއް ހިމެނޭ ކާޑަކާއި އަދި ހެލްމެޓްވެސް ހަދިޔާގެ ގޮތުގައި ދީފައިވެއެވެ. މާލެ ޕޮލިސްގެ މި ކޮމިއުނިޓީ އެންގޭޖްމަންޓްގެ ހަރަކާތުގެތެރެއިން، ވަލިމީހުންނަށް ޒިޔާރަތްކުރުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކަތުގައި ހުރިހާ އަވަށްތަކުގެ ފުލުހުން ބައިވެރިވެއެވެ.