ޚަބަރު

ޔޫއެސް އޯޕަންގެ 3ވަނަ ބުރުން ސަބަލެންކާ ޖާގަހޯދައިފި


  • ސަބަލެންކާ ދެވަނަ ބުރުގައި ޕޮލީނާ ލެޓްޗެންކޯ އާއި ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކޮށްގެން

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ދެވަނަ ބުރުގައި މިމުބާރާތުގައި އަލަށް ވާދަކުރަމުންދިޔަ ރަޝިއާގެ ޕޮލީނާ ލެޓްޗެންކޯ އާއި ވާދަކޮށް ފަސޭހަ ކަމާއެކު ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެސެޓު ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް އަދި ހައެއް އެކަކުންނެވެ. އަދި މިމެޗު ކާމިޔާބު ކުރުމަށް އޭނާއަށް ނެގީ 53 މިނެޓެވެ. މިއީ ގްރޭން ސްލޭމް މުބާރާތެއްގެ މެޗެއް އޭނާއަށް އެންމެ އަވަހަށް ނިންމުނު ފަހަރު ތަކުގެ ތެރެއިން އެއްފަހަރެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ މިމެޗުގައި އޭނާއަށް ދެއްކުނު ކުޅުމާއި މެޗު ހިތްހަމަ ޖެހޭކަމަށެވެ. އަދި މިމެޗުގައި ދެއްކުނު ކުޅުމުގެ ސަބަބުން މިމުބާރާތުގައި ކުރިއަށް ދިއުމުގައި އިތުރު ހިތްވަރެއް އޭނާއަށް ލިބިގެންދާނެކަމަށް ބެލެވެއެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ސަބަލެންކާ ބައްދަލުކުރާނީ އުޒްބެކިސްތާންގެ ކަމީލާ ރަހިމޯވާ އާއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ނުހޯދިއްޖެނަމަ ސަބަލެންކާއަށް ދުނިޔޭގެ ރޭންކިންގގެ އެއްވަނަ މަގާމް ގެއްލިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. އެއީ ދެވަނައަށް ރޭންކު ކުރެވިފައިވާ އެލޭނާ ރިބާކިނާ އާއި އޭނާ އާއި ދެމެދުގައިވާ ޕޮއިންޓްގެ ފަރަގު މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވުމުންނެވެ.

މިމުބާރާތް ސަބަލެންކާއަށް ކާމިޔާބު ނުކުރެވި ރިބާކިނާ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްގެންވެސް އެއްވަނަ މަގާމަށް އެރޭނެއެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިމުބާރާތުގައި ސަބަލެންކާ ކުޅެމުންދަނީ މުބާރާތުގެ އިތުރުން އެއްވަނަ މަގާމްގެ ޕްރެޝަރާވެސް އެކުގައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ދެވަނަ ބުރުގައި ތިން ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި އެމެރިކާގެ ސޯފިއާ ކެނިން ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ޕެގޫލާއެވެ. އޭނާ މިމެޗުގެ ސެޓުތައް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް އެކަކުންނެވެ.

ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް އާއި ތުރުކީޔޭގެ ޒޭނެޕް ސޮންމޭޒް ބައްދަލުކުރި މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ގައުފްއެވެ.

ސަތާރަ ވަނައަށް ސީޑު ކުރެވިފައިވާ ފިލިޕީންސްގެ އެލެގްޒެންޑަރ އެއާލާ އާއި އެމެރިކާގެ މެރީ ސްޓޮއިއާނާ ބައްދަލުކުރި މެޗު ހައެއް އެކެއް އަދި ހައެއް ދެއަކުން އެއާލާ ކާމިޔާބު ކުރިއިރު ނަވާރަ ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޖޭސްމީން ޕައޮލީނީ އާއި އެޤައުމުގެ ލުކްރޭޒިއާ ސްޓެފަނީނީ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ޕައޮލީނީއެވެ.