އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގުގައި އިންޑިއާ ތަމްސީލް ކުރާ އީސްޓް ބެންގާލް އެފްސީ ހިމެނޭ ގްރޫޕްގެ މެޗުތައް އިންޑިއާގައި ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ މިމުބާރާތުގެ ތާރީޚުގައި މިހާތަނަށް ވިމެންސް ޗެމްޕިއަންސް ލީގުގެ މެޗުތަކެއް އިންޑިއާގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސްޓް ބެންގާލް ބައްދަލުކުރާ ޓީމުތަށް ކަށަވަރު ވީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި ބޭއްވި ގްރޫޕް މަރުހަލާގެ ގުރުއަތުލުމަށްފަހުއެވެ.
މިގުރުއަތުލުގައި މިމުބާރާތުގައި ވާދަކުރާ 12 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ. މިގޮތުން ވެސްޓް ބެންގާލްގެ އަންހެން ޓީމު ހިމެނުނު ގްރޫޕް ބީގައި ދެން ހިމެނެނީ އޭޝިއާގައި ވަރުގަދަކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ދެކުނު ކޮރެއާގެ ހުވާޗިއޮން ކޭއެސްޕީއޯ ވިމެންސް ފުޓުބޯލް ކިލަބާއި ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީ ވިމެންސް ފުޓްބޯލް ކުލަބް އަދި އުތުރު ކޮރެއާގެ އެޕްރީލް ޓުވެންޓީ ފައިވް ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގެ މެޗުތައް އިންޑިއާގެ ކަލްކަތާގައި ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 1 އިން 7 އަށެވެ.
ގްރޫޕް އޭގައި ހިމެނެނީ މިޔަންމާގެ އަޔެޔަވާޑީ އެފްސީ، އުތުރު ކޮރެއާގެ ނައެގޯޔަންގ އެފްސީ، ޖަޕާންގެ އިނަކް ކޯބޭ ލެއޮނޭސާ އަދި އީރާންގެ ބަމް ޙަތޫން އެފްސީއެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ އުޒްބެކިސްތާންގެ ޕީއެފްސީ ނަސަފް، ފިލިޕީންސްގެ ކާޔާ އެފްސީ އިލޮއިލޯ، ޗައިނާގެ ބެއިޖިންގ ޖިންގޓަން އެފްސީ އަދި އޮސްޓްރޭލިއާގެ މެލްބަން ސިޓީ އެފްސީއެވެ.
މިއީ އޭއެފްސީ ވިމެންސް ޗެމްޕިއަންސް ލީގު ބާއްވާ ތިންވަނަ ސީޒަނެވެ. އަދި މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމުގެ އިތުރުން ކޮންމެ ގްރޫޕަކުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ނޮކް އައުޓް ބުރަށް ދަތުރުކުރާނެއެވެ.