ޚަބަރު

ނޭޕާލްގައި ފެންބޮޑުވުން: ހޮހަޅައެއްގެ ތެރެއިން ދެ މީހުން ސަލާމަތްކޮށްފި


ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ބެދުނު ހޮހަޅައެއްގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ދިރިތިއްބާ ސަލާމަތް ކޮށްފިއެވެ. ނޭޕާލުގެ ފަރުބަދަމަތީ ސަރަޙައްދުގެ ވާދީއަކަށް ގަނޑުފެނާއި ހިލަ އަދި ކިސަޑު ފޭބި ހާދިސާގައި، އެ ޤައުމުގައި ފެނުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ގިނަ ޢަދަދެއްގެ ހައިޑްރޯޕަވަރ ސްޓޭޝަންތަކުގެ ހޮހަޅަތައް ވަނީ ބަންދުވެފައެވެ. މީގެ ތެރެއިން އެއް ހޮހަޅައިގެ ތެރެއިން ދިރިތިއްބާ ދެ މީހުން ސަލާމަތް ކުރެވިފައި މި ވަނީ ހާދިސާގެ ނުވަ ދުވަސް ފަހުންނެވެ.

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު ވަނީ 1,200 އަށް އުފުލިފައެވެ. އަދި، އެތައް ހާސް ބަޔެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދިރިތިއްބާ ދެ މީހަކު ފެނިފައި ވަނީ "އަޕަރ ތްރިޝޫލީ 3އޭ" ހައިޑްރޯޕަވަރ ސްޓޭޝަނުގެ ހޮހަޅައެއްގެ ތެރެއިންނެވެ. ނޭޕާލްގެ ހަކަތައާ ބެހޭ ވަޒީރު ބިރާޖް ބަކްތާ ޝްރެސްތާގެ އޮފީހުން ވަނީ އެ ދެ މީހުންގެ ވަނަވަރު ހާމަކޮށް، އެ މީހުންގެ ޞިއްޙީ ޙާލަތު ސާފުކޮށްދީފައެވެ. ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ޢަދަދެއްގެ ހައިޑްރޯޕަވަރ ސްޓޭޝަންގައި ބޭނުންކުރާ ހޮހަޅަތަކަށް ވަދެވެން އޮތް ދޮރުތައް ބަންދުވެ، އެ ތަންތަނުގެ ތެރޭގައި 900 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ނޭޕާލްގެ އިދާރާތަކުން އަންދާޒާ ކުރެއެވެ.

އަޕަރ ތްރިޝޫލީ 3އޭ ސްޓޭޝަންގެ ތެރެއިން ދިރިހުއްޓާ ފެނުނު އެކަކުގެ އަތާއި ފައި ހަރަކާތް ނުކުރާ ކަމަށާއި، ނަމަވެސް ދެވަނަ މީހާއަށް ލިބިފައިވާ އަނިޔާތައް ސީރިޔަސް ނޫން ކަމުގައި ނޭޕާލްގެ ހަކަތައާ ބެހޭ އިދާރާއިން ބުނެއެވެ. ވެރިރަށް ކަތުމަންޑޫގެ ހަސްފަތާލެއްގައި އެ ދެ މީހުންނަށް ފަރުވާދެމުންދާ ކަން ވެސް އެ
ވުޒާރާއިން ކަށަވަރު ކޮށްދެއެވެ.