ޚަބަރު

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި


  • މި އެކްސްޕޯ ކުރިއަށްދާނީ ހަވީރު 4އިން 9އަށް މީރުމާގައި

  • މެލޭޝިޔާގެ 11 ޔުނިވަރސިޓީއަކާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީއަކުން ބައިވެރިވޭ

ރާއްޖޭން ބޭރުން މަތީ ތަޢުލީމަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމަށް "އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ 2026" ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 4 އަދި 5 ގައި މީރުމާގައެވެ.

"އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ 2026"ގައި މެލޭޝިޔާގެ 11 ޔުނިވަރސިޓީއެއްގެ އިތުރުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީއަކުން ބައިވެރިވެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ ހަވީރު 4 އިން ރޭގަނޑު 9އަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުވެސްޓްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ އާމިނަތު ހިދާޔަތު ވިދާޅުވީ، މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށެވެ.

"އެޑިއުވެސްޓަކީ ރާއްޖެއިން ބޭރަށް ކުދިން ކިޔަވަންދާން އެހީތެރިވާ ކުންފުންޏެއް. އަޅުގަނޑުމެންގެ މައިގަނޑު މަޤުސަދަކީ ކުދިން ބޭރަށް ފޮނުވުމުގެ އިތުރުން ކެރިއަރ ގައިޑެންސް ކައުންސިލިން ދިނުން. މިފަހަރު މި އެކްސްޕޯގެ ތެރެއިން ކޮންފަރމް ކުރާ ކޮންމެ ކުއްޖަކަށް ފްރީ ޓިކެޓެއް އެބަދެން. އަދި ހުރިހާ ޑޮކިއުމެންޓެއް ހިފައިގެން އަންނަ ކުދިންނަށް ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ." ހިދާޔަތު ވިދާޅުވިއެވެ.

އެޑިއުވެސްޓްއިން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެކްސްޕޯ ބާއްވަމުންނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތުތައްވެސް ދަނީ ދެމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކްސްޕޯ ބާއްވަމުން އަންނައިރު މިމަހުގެ ދެވަނަ ދުވަހު އެޑިއުވެސްޓުންވަނީ ކުޅުދުއްފުށި ސިޓީގައި މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.