ޚަބަރު

އޭޝިއަން ގޭމްސްއިން މުހިންމު ތަޖުރިބާތަކެއް ލިބޭނެ: މުންސިފް


  • އޭޝިއަން ގޭމްސްގައި ޤައުމީ 8 އެތުލީޓުން ވާދަކުރާނެ

  • ކޮމަންވެލްތުގެ ގަދަ ދިހައެއްގައި ޤައުމީ ޓީމުވަނީ ހިމެނިފަ

  • އޭޝިއާއަކީ ދުނިޔޭގެ ޓޮޕް ލެވެލް ޓީޓީ ކުޅުންތެރިން ހިމެނޭ ސަރަހައްދެއް

މިމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްއަކީ ޤައުމީ ޓޭބަލް ޓެނިސް ޓީމަށް މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ޓީމުގެ މުހިއްމު ކުޅުންތެރިޔާ މޫސާ މުންސިފް އަޙުމަދު ބުނެފިއެވެ.

މުބާރާތަށް ކުޑަތަންވަމުން އަންނައިރު ޤައުމީ ޓީޓީ ޓީމުން ފަހު ޕްރެކްޓިސްތައް ކުރަމުން އަންނައިރު، މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ ޕްރެކްޓިސްތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުންސިފް ބުނީ އޭޝިއާއަކީ އެންމެ މޮޅެތި ޓީޓީ ކުޅުންތެރިން ނިސްބަތްވާ ސަރަހައްދުކަމަށެވެ.

އެހެންކަމުން އޭޝިއަން ގޭމްސްވާނީ ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންނާއެކު މެޗުތައް ކުޅެލަން ލިބޭ ރަނުގެ ފުރުސަތަކަށްކަމަށެވެ. މިފުރުސަތުގެ ސަބަބުން ޤައުމީ ޓީޓީ ޓީމަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް ޤަބޫލުކުރާކަމަށް ކާމިޔާބު ޓީޓީ ކުޅުންތެރިޔާ ފާހަގަކުރިއެވެ.

"ވޯލްޑް ޓޮޕް ޓީމުތައް އޭޝިއާގައި މިތިބީ އޭޝިއާގެ. އެހެންވީމަ އޭޝިއަން ގޭމްސްއަކީ ވަރަށް ޓަފް ކޮމްޕެޓިޝަނެއް. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ މެޗުތައް ކުޅެ މޮޅުވުން މިމުބާރާތުގައިވެސް" ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

މީގެ ކުރިންވެސް އޭޝިއަން ގޭމްސްގައި ވާދަކޮށްފައިވާ މުންސިފް ފާހަގަކުރިގޮތުގައި، އޭޝިއަން ގޭމްސްގެ ސަބަބުން ލިބޭ ކުރިއެރުންތަކާ، ތަޖުރިބާތަކުގެ ސަބަބުން ޤައުމީ ޓީޓީ ޓީމުން އަމާޒު ހިފާފައިވާ މެޑަލް ޓާގެޓްތަކަށް ވާސިލްވުމަށް އެހީއަކަށްވާނެއެވެ.

"އަސްލު ގިނަ މެޗުތައް ކުޅެން ވަރަށް މުހިންމު. މި ގޭމްސްއިން އެކި ލެވެލްގެ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބޭ. އެހެންވީމަ ވަރަށް މުހިންމު މެޗުތަކެއް މިއީ. އަޅުގަނޑުމެންގެ ކުރިއަށް ހުރި މުބާރާތްތަކުގެ މެޑަލް ޓާގެޓްސް ތަކަށް ވަރަށް މުހިންމު ތަޖުރިބާއެއް" މުންސިފް ބުންޏެވެ.

ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދަމުން އަންނަ ޤައުމީ ޓީޓީ ޓީމުންވަނީ މިއަހަރުގެ ޖުލައިމަހުގެ 27 އިން އޮގަސްޓް 2 އަށް އިންޑިއާގެ ދިއްލީގައި ކުރިއަށްދިޔަ ކޮމަންވެލްތު ޓޭބަލް ޓެނިސް ޗެންޕިއަންޝިޕުގައި ޤައުމީ ޓީމުން ވަނީ ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޤައުމީ އަންހެން ޓީމުން ހަތްވަނަ ހޯދިއިރު، ފިރިހެން ޓީމުންވަނީ ކޮމަންވެލްތުގެ އަށްވަނަ ހޯދާފައެވެ.

މިމަހު 19 އިން އަންނަމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާ ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުޙައްމަދު ޝައްފާން އިސްމާޢީލް، މޫސާ މުންސިފް އަޙުމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުޙައްމަދު ޚަލަފް ރާފިޢުއެވެ. މީގެ އިތުރުން ޤައުމީ ސްކޮޑުގައި ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ ޢަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމެވެ.

ޤައުމީ ޓީޓީ ޓީމު މުބާރާތަށް ފަރިތަކުރަމުން އަންނަނީ މިއަހަރުގެ ޖުލައި ފަހުކޮޅު ޓީމާ ގުޅުނު ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު އޮމިނިޔި އަޑެޑޮޓުންގެ އިރުޝާދުގެ ދަށުންނެވެ. ޓީމު މުބާރާތަށް ފުރާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.