އީރާނުގެ ޖަޒީރާ ރަށެއް ކަމަށްވާ ޚާރިޖް ކައިރިން ދަތުރުކުރަމުންދިޔަ އެ ޤައުމުގެ ތެޔޮ އުފުލާ އުޅަނދަކަށް، އެމެރިކާއިން މިސައިލް ހަމަލާއެއް ދީފައިވާކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ސްޓޫޑެންޓް ނިއުސް އެޖެންސީން މި ޙާދިސާއާ ގުޅޭގޮތުން ބުނެފައިވަނީ، ހަމަލާ އަމާޒުވެފައިވަނީ ކުޑަ އުޅަނދަކަށް ކަމަށާއި، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
މި ހަމަލާ އަމާޒުވި ޚާރިޖް އައިލެންޑަކީ އީރާނުގެ އިޤްތިޞާދާއި ތެޔޮ ބޭރުކުރުމުގެ ނިޒާމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެކެވެ.
އެގޮތުން، އީރާނުން ސާފުނުކުރާ ތެޔޮ ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ 90 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ މިންވަރެއް ބަލަހައްޓަނީ މި ރަށުންނެވެ.
މީގެކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ރަށުގެ ކޮންޓްރޯލް އަތުލާނެ ކަމަށް ވިދާޅުވެ އިންޒާރުވެސް ދެއްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، މުޅި ސަރަޙައްދުގެ ސަލާމަތީ މަސްރަޙް ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.
އެ ޢުދުވާނަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވެސް ވަނީ ޔަހޫދީ ދައުލަތަށާއި މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަޙަތު އޮތް ތަންތަނަށް އަމާޒުކޮށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ޖޫން މަހުގެ 18ގައި އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ ސަރަޙައްދުގެ ސަލާމަތީ އިންތިޒާމްތަކާމެދު ދެފަރާތުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފައެވެ.