ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރަށް އާންމުންގެ ފަރާތުންވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މި ހަވީރުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރު އިންތިޒާމުކޮށްފައިވަނީ، ކުޑަކުދިން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކަކާއެކުގައެވެ.
މި ހަވީރުގައި ފުލުހުންނާއި ފުލުހުން ބޭނުންކުރާ އެކި އާލާތްތަކާއިއެކުގައާއި، ކުޑަކުދިން ޝައުޤުވެރިވާ ކާޓޫން ކެރެކްޓަރުންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. އަދި ޖާދޫގަރެއްގެ ޚާއްސަ ހަރަކާތްތަކެއް މި ހަވީރުގެ ތެރެއިން ކުޑަކުދިންނަށް ދައްކާލާފައިވެއެވެ.
މީގެއިތުރުން ފުލުހުންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މި ހަވީރުގައި ކުޑަކުދިންނާއި އާއިލާތަކަށް ޚާއްސަ ކުޅިވަރުތަކުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޚާއްސަ މެސެޖުތައް ދީފައިވެއެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ހަރަކާތްތައް ބާއްވަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތްތަކާއި، އެކި ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންދާކަމަށް ވިދާޅުވިއެވެ.
"އަތޮޅުތެރޭގައި ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް ފުލުހުން ތިބޭނެ. އެ އަތޮޅުތަކުން ހަރަކާތްތައް ބޭއްވެން އޮތް ރަށްތަކުގައި ހަރަކާތް ބާއްވަމުންދާނެ. މާލެއާއި އަތޮޅު ތެރޭގައި، ކުޅިވަރު ހަރަކާތްތަކާއެކީގައި އާންމުންނާ ގުޅުން ބަދަހިކުރުމަށް ބޭއްވޭ މި ހަރަކާތްތަކުގެ އެންމެ ބޮޑު މަޤުސަދަކީ މި ހަރަކާތުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން". އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މި ހަވީރުގައި ކުދިންނަށް ފުލުހުންގެ އެކި ބަހާތައް ދައްކާލާ، ފުލުހުން ކުރާ އެކި މަސައްކަތްތަކާއި، އެކި މަސައްކަތްތައް ކުރާ ފުލުހުން ލާ ޔުނިފޯމްތައްވެސް އެބަ ދައްކާލަން. އޭގެއިތުރުން މިފަހަރު އަޅުގަނޑުމެން ތަންކޮޅެއް ބޮޑެތި ކުދިންނަށްވެސް ޓާގެޓް ކޮށްގެން ހުންނާނެ ކުޅިވަރުތަކާއި ސްޓޯލްތައްވެސް ތައްޔާރުކޮށްފައި". ސުޕްރިންޓެޑް އޮފް ޕޮލިސް އަޒްމިޔާ ޒާހިރު ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފުލުހުންގެ ޚިދުމަތް ފެށީ، 1933 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމްވީ، 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ފުލުހުންގެ ޚިދުމަތް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ.