ޚަބަރު

އެންޑީއެމްއޭއަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސަވައިދެއްވައިފި


  • ހުޅުމާލޭ ދެވަނަ ފިޔަވަހިން 13574 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސަވާފައި

  • މައި އޮފީހުގެ އިތުރުން ޒަމާނީ އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް

  • ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އެމަރޖެންސީ ވެއާހައުސްއެއްވެސް ހުންނާނެ

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ސަރުކާރުން ދާއިމީ ބިމެއް ހަމަޖައްސަވައިދެއްވައިފިއެވެ. ސަރުކާރުން އެންޑީއެމްއޭއަށް ދާއިމީ ބިމެއް ހަމަޖައްސަވާދެއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ގުދުރަތީގޮތުން ހިންގާ އެކި ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށާއި އެފަދަ ކާރިސީ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގުމުގެ މައި އިދާރާއަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެވެ. އެހެންނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އުފެދުނު އެއޮތޯރިޓީ މިއަދާ ހަމައަށްވެސް ހިންގަމުންދަނީ އަމީނީ މަގުގައި ހުންނަ ރިހިޖެހި ކޮށީގައި ހުންނަ ޢިމާރާތެއްގައެވެ. ޖާގައިގެ ގޮތުން ދަތިކަން އެއޮތޯރިޓީން އަބަދުވެސް ފާހަގަކުރެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން އެއޮތޯރިޓިއަށް ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދެއްވާ، އެ ބިން ރަސްމީކޮށް ހަވާލުކޮށްފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެއޮތޯރިޓީއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެއްކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.


މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އެމަރޖެންސީ ވެއާހައުސްއަކާއި، ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުފައްދާފައިވަނީ ސުނާމީއާއި ގުޅިގެން 2004ވަނަ އަހަރުއެވެ. އޭގެފަހުން 2018ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސަރުކާރުންވަނީ އެ ސެންޓަރު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުކުރައްވާ ޤާނޫނީ ބާރުވެރިކަން ދެއްވާފައެވެ. އަދި މިހާރު ހަމަޖެހިގެންދިޔަ ބިމާއެކު އޮތޯރިޓީގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ކާރިސީ ޙާލަތްތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި އަދި އެފަދަ ޙާލަތެއްގައި ދެވޭ ޚިދުމަތުގެ ފެންވަރުވެސް މަތިވެގެންދާނެކަމަށް އެއޮތޯރިޓީން ފާހަގަކުރައްވައެވެ.

2022 ވަނަ އަހަރުވެސް ސަރުކާރުންވަނީ އެއޮތޯރިޓީ ހިންގުމަށް ދާއިމީ ބިމެއް ދިނުމަށް ނިންމާފައެވެ. އޭރު އޮތޯރިޓިއަށް ދިނުމަށް ނިންމާފައިވަނީ، ކޯވިޑް ވިލެޖް ހިންގި، ހުޅުމާލޭ ޓްރިޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮތް ބިމެވެ. 39000 އަކަފޫޓުގެ އެބިން އެފަހަރު އޮތޯރިޓީގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައިނުވެއެވެ.