ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކާއި ގުޅިގެން ބަލަމުންދާ ތަފާތު 44 މައްސަލައެއްގައި މިހާތަނަށް 4 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. އޭގެތެރޭގައި ކުނި އެޅުމުގެ މައްސަލަތަކާއި، ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ މައްސަލަތައްވެސް ހިމެނޭކަމަށް އެފްޑީސީން ވިދާޅުވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާއި ގުޅިގެން ހުށައަޅަމުންދާ މައްސަލަތައް އެފްޑީސީންދަނީ ބަލަމުންނެވެ.
އެފްޑީސީން ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެކޯޕަރޭޝަނުން މިހާރު އަންނަނީ ފްލެޓާގުޅޭ 44 މައްސަލައެއް ބަލަމުންނެވެ. އެސަރަޙައްދުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ކުނި އެޅުމުގެ މައްސަލައެވެ. އެމައްސަލައިގައި ފިޔަވަޅު އަޅާނެކަމަށް އަންގާފައިވާއިރު ކުނި އެޅުމުގެ ގަވާއިދާ ޚިލާފުވުމުގެ 3 މައްސަލައެއް އަންނަނީ ބަލަމުންނެވެ. އޭގެތެރެއިން މައްސަލަ ނިންމާ އެއް ފަރާތް ޖޫރިމަނާކޮށްފައިވާއިރު އަނެއް 2 މައްސަލަ ބަލަމުންދާކަމަށް އެފްޑީސީން ވިދާޅުވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގައި ލިބޭ ފްލެޓު ކުއްޔަށް ދޫކުރުމަކީ އާންމުންގެ މެދުގައި ބޮޑު މައްސަލައަކަށްވެފައިވާއިރު ފަހި ފްލެޓުތައް ދޫކޮށްފައިވަނީ ކުއްޔަށްދޭނަމަ ފިޔަވަޅުއަޅާނެކަމުގެ އިންޒާރާއެކުގައެވެ. އެފްޑީސީން ވިދާޅުވީ ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަމުންދާކަމަށެވެ. އޭގެތެރެއިން 8 ފަރާތެއްގެ މައްސަލަ ބަލަމުންދާއިރު މައްސަލަ ނިންމާ އެކަކު ޖޫރިމަނާކޮށް، 2 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާކަމަށް އެފްޑީސީން ވިދާޅުވިއެވެ.
އިމާރާތުގެ ސްޓްރަކްޗަރއަށް އިންޓީރިއާއަށް ބަދަލުގެނައުމަކީވެސް މަނާކަމެކެވެ. އިމާރާތަށް ބަދަލު ގެނައުމުގެ 27 މައްސަލައެއް އެފްޑީސީންދަނީ ބަލަމުންނެވެ. މީގެތެރެއިން އެއް ފަރާތް ޖޫރިމަނާކޮށްފައިވާއިރު އެއް ފަރާތަށް ނޯޓިސްވަނީ ފޮނުވާފައެވެ. އަދި އަނެއް 25 ފަރާތުގެ މައްސަލަ އެފްޑީސީން އަންނަނީ ބަލަމުންނެވެ.
އެންގުންތަކަށް ޢަމަލުނުކުރުމުގެ 2 މައްސަލައަކާއި އަޑުގަދަވުމުގެ ޝަކުވާއާއި ގުޅިގެންވެސް އަންނަނީ މައްސަލައެއް ބަލަމުންނެވެ. އެފްޑީސީން ވިދާޅުވީ މަހުން މަހަށް ގަވާއިދުން 3405 ޔުނިޓުން ކުލި ދައްކަމުންދާކަމަށެވެ. އަދި ދައްކަންޖެހޭ ކުލި ނުދައްކާހުރި 509 ޔުނިޓު އެބަހުރިކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓުތަކާއި ގުޅިގެން އާންމުންގެ ފަރާތުން ޝަކުވާތައް ހުށައަޅާފައިވާއިރު އެތަންތަނުގެ އުސޫލުތަކާއި ޚިލާފުވެގެން އެފްޑީސީންވެސް ދަނީ މައްސަލަތައް ބަލަމުންނެވެ.