ޚަބަރު

ކޯޗުގެ އަމާޒަކީ ޕްރޮފެޝަނަލް ޤައުމީ ޓީމެއް ބައްޓަންކުރުން


  • ޕްލޭނާ އެއްގޮތަށް ކަންކަން ގޮސްފިނަމަ އެދެވޭ ނަތީޖާތަކެއް ނެރެވޭނެކަމަށް ކޯޗު ބުނި

  • ކޯޗު އަސަދުﷲ ވަނީ ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުކަމާއި ހެޑް ކޯޗުކަންވެސް ކޮށްފައި

ޤައުމީ ކުރިކެޓް ޓީމާ ދާދި ފަހުން ހަވާލުވި އަފްޢާނިސްތާނުގެ ތަޖުރިބާކާރު ކޯޗު އަސަދުﷲ ޚާންގެ އަމާޒަކީ ޕްރޮފެޝަނަލް ނިޒާމެއްގެ ދަށުން ޤައުމީ ޓީމު ބައްޓަންކުރުންކަމަށް އޭނާ ބުނެފިއެވެ.

ޤައުމީ ޓީމުގެ ޕްރެކްޓިސްތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޯޗުވަނީ ރާއްޖޭގެ ކުޅުންތެރިންނަކީ ތަރައްޤީކޮށް، މަތީ ފެންވަރަށް ގެންދެވިދާނެފަދަ ހުނަރުވެރި ބައެއްކަމަށް ބުނެފައެވެ. އެކަށީގެންވާ ވަސީލަތްތައް ހަމަޖެހިފައިވާނަމަ ސަރަހައްދީ ފެންވަރުގައި ނަގާ ކިޔޭނެ ޓީމަކަށް ރާއްޖެ ވާނެކަމަށް ކޯޗް ފާހަގަކޮށްފައިވެއެވެ. ވަސީލަތްތައް ނެތިވެސް ރާއްޖޭގެ ކުޅުންތެރިން ދައްކަމުންދާ ހުނަރުވެރިކަން ފާހަގަކޮށް ދިވެހި ކުޅުންތެރިންނަށް ކޯޗު ވަނީ ތައުރީފްކޮށްފައެވެ.

ޤައުމީ ޓީމުގެ ކުރިއެރުމަށް ބުރަކޮށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން ކޯޗު ދީފައިވާއިރު، ނުފުއްދޭވަރުގެ ވައުދުތަކެއްވެ ދިވެހިން މާޔޫސްކޮށްނުލާނެކަމުގެ ޔަގީންކަންވެސް ކޯޗުވަނީ ދީފައެވެ.

"ނުފުއްދޭވަރުގެ ވަޢުދެއް ނުވާނަން. އެހެންނަމަވެސް ޤައުމީ ޓީމު ކުރިއެރުވުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން ދޭނަން. އެގޮތުން ކުޅުންތެރިންގެ ތަރައްޤީއަށްޓަކައި ޕްރޮފެޝަނަލް އެންވަޔަރަމަންޓެއް މިތާ ބިނާކޮށްދެވޭތޯ ކުރެވުނުހާ މަސައްކަތެއް ކުރާނަން" ކޯޗު ބުންޏެވެ.

ޤައުމީ ޓީމު ކުރިއެރުވުމަށްޓަކައި ޕްރޮފެޝަނަލް ނިޒާމެއްގެ ދަށުން ކަންކަން ބައްޓަންކުރުމަށް ކޯޗު ރާވާފައިވާއިރު، އެނިޒާމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެކަމަށާ، އަމާޒަކީ ކުރިއަށް އޮތްތަނުގައި ޤައުމީ ޓީމުން ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ މެޗުތަކުން އުފާވެރި މަންޒަރެއް ފެނުންކަމަށް ކޯޗު ބުންޏެވެ.

"ގްރާސްރޫޓުން ފެށިގެން ގޮސް ޤައުމީ ލެވެލްއާ ހަމައަށް މި ނިޒާމުގެ ތެރެއިން ކުޅުންތެރިން ތަރައްޤީކުރުމަށް މަސައްކަތްކުރާނަން. މި ނިޒާމުގެ ތެރެއިން އަހަރުމެންނަށް ދެވިއްޖެނަމަ ޤައުމީ ކުޅުންތެރިން ކުރިއަރާނެކަމާމެދަކު ޝައްކެތްނެތް. މިފަދައިން ކުރިއަރައިފިނަމަ ކުރިއަށް ހުރި މުބާރާތްތަކުގެ ނަތީޖާތައް އެތައް ގޮތަކުން މައްޗަށްޖެހޭނެ. އުންމީދަކީ މި ޕްލޭނާ އެއްގޮތަށް ކަންކަން ފަހިވެގެން ދިއުން" ކޯޗު އަސަދުﷲ ބުންޏެވެ.

ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުކަމުގެ އިތުރުން ހެޑް ކޯޗުކަންވެސް ކޮށްފައިވާ އަސަދުﷲގެ އިރުޝާދުގެ ދަށުން ޤައުމީ ކުރިކެޓް ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށެވެ.

އަންނަމަހު މެލޭޝިއާގައި އޮންނަ މިމުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައި ހޮންގކޮންގ، މެލޭޝިއާ، ސިންގަޕޫރު، ސައުދީއަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއާއެކުގައެވެ.