މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް-އާމާއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ވަޒީރު ހަސަން ޒަރީރު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދީބު ޔޫސުފް އަލް-އާމާއާ މިއަދު ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، މިއަދު ސޮއިކުރި ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީއާ ދެމެދު 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި، ވިޔަފާރިއަށް ފައިނޭންސް ކުރުމާއި، އަމިއްލަ ދާއިރާ ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށްޓަކައި ދެފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އައިޓީއެފްސީއާއެކު ރާއްޖެއިން އެކުލަވާލި އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުމެކެވެ. އެއެއްބަސްވުމުގެ ދަށުން ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެއްސުމަށް އެއްބަސްވެފައިވެއެވެ.
އެ އެއްބަސްވުމުގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިކަން ފޯރުކޯށްދޭނެއެވެ. މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ އިތުރުން ޝަރުތު ހަމަވާ އެހެން ކުންފުނިތަކަށްވެސް ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ.