އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ވަރުގަދަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޓިއުރިންގެ އަލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަެު ވެގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ވަރަށް ހަމަހަމަކޮށް ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. އަދި މިމެޗުގައި މިލާންއިން އުފެއްދި މަދު ހަމަލާތަކުގެ ތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާވަނީ ލަނޑަކަށް ހަދައިފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މި ހާފުގައި ޔޫވޭއަށް ލަނޑެއް ނުޖެހުމުގައި މިލާންގެ ފަރަންސޭސި ކީޕަރ މައިކް މިންޔޮންގެ ހުށިޔާރުކަން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާވަނީ މިހާފުގައި ނުރައްކާތެރި ތިން ހަމަލާއެއް ދިފާއުކޮށްފައެވެ.
މިމެޗުގެ ދެވަނަ ހާފުގައިވެސް ޔޫވޭއިން މޮޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިލާން އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްފާޑުޖޯ ސީސޭއެވެ. މިއީ މިސީޒަންގައި ޔޫވޭ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް މިލާން މޮޅުވެވުނަނުދީ ހިފަހައްޓާލީ މެޗުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ފެޑެރީކޯ ގާޓީ ޖަހައިދިން ލަނޑުންނެވެ.
މިމެޗު އެއްވަރު ވުމުން 1958 ވަނަ އަހަރަށް ފަހު ލީގުގެ ފުރަތަމަ ތިން މެޗު މިލާން އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ކޯޗަށް ވުމަށް ރުބެން އަމޮރިމްއަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އަދި މިއާއެކު މިލާން އާއި ޔޫވޭ އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ 4 ވަނަ އަދި 5 ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަަކަށް ބަލާލާއިރު ފުރޮސިނޯނޭ އާއި ވެނޭޒީއާ ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ފުރޮސިނޯނޭ ކާމިޔާބު ކުރިއިރު ޕާމާ އާއި މޮންޒާ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމުވީ އެއް ވަރެވެ. އަދި ބޮލޯނިއާ އާއި ސަސުއޮލޯ ބައްދަލު ކުރި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.