ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ކޮށްފައިވާ ބައެއްގެ އިތުރުން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 13ގައެވެ.
ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. މި މުހިންމު މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށާއި މިއީ އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ވަނީ މި މިސްކިތް އިމާރާތް ކުރުމަށް ޚާއްޞަ ކޮށްފައިވާ ބިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 13 ވާ އާދީއްތަ ދުވަހުގެ ހަވީރު ކަމަށެވެ. ސަރުކާރުން ދަނީ، މި ތާރީޚީ މުނާސަބަތާ ދިމާކޮށް މިސްކިތުގެ ބިންގާ އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.
މި މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ކޮމްޕްލެކްސްއަކީ ހަމައެކަނި ނަމާދު ކުރުމަށް އެކަނި ޚާއްޞަ ކޮށްފައިވާ ތަނެއްގެ އިތުރުން، އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މަރުކަޒެކެވެ.
މި އިމާރާތުގެ ތެރޭގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ޙަރަކާތްތައް ހިންގުމަށް ޚާއްޞަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރެވޭނެއެވެ.
މީގެއިތުރުން އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތުގައި ހިމެނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރެވިގެންދާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މި މިސްކިތުގެ ތެރޭގައި ހުންނާނެއެވެ.
މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.