ޚަބަރު

"ސައުތު ފޯރަމްގައި އެއްބަސްވި ކަންކަން ތަންފީޒުކުރަން ފުލުހުންގެ އެއްބާރުލުން ލިބޭނެ"


  • ފޯރަމްގެ މަޝްވަރާތަކަށްފަހު 12 ނުކުތާއަކަށް ވަނީ އެއްބަސްވެފައި

  • މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވި

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ފޯރަމުގައި އެއްބަސްވި 12 ނުކުތާ އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ މިމަހުގެ 6 އިން 7 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިޒޯޓްގައި ކުރިއަށްދިޔަ "އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް، ރިވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، ފޯރަމްގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނު 12 ނުކުތާއަކީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަންޖެހިފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގައި ޑްރަގް ކޯޓާއި، އެންޑީއޭ އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭހެން ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ސީޕީ ފާހަގަކުރެއްވިއެވެ.

ފޯރަމްތަކުން ނިމޭ ނިންމުންތައް އަމަލީ މައިދާނަށް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބަހައްޓައި، އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި ފޯރަމްގައި ކަނޑައެޅުނު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ދީނީގޮތުންނާއި ޤައުމީގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ލާޒިމު ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމުގައި ދެއްވާ އިސްކަމަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ފޯރަމްތައް ރާއްޖޭގެ އެހެން ޑިވިޜަންތަކާއި ރީޖަންތަކުގައިވެސް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކަށް ފުލުހުންގެ އެއްބާރުލުން އަބަދުވެސް އޮންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގައި ޑްރަގް ކޯޓުގެ އިސް ޤާޟީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭގެ އެކްޓިންގ ސީއީއޯއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ، ސައުތު ޕޮލިސް ކޮމާންޑަރ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.