ޒުވާން ޚަޠީބުންގެ މަހާސިންތާގައި 300އަށް ވުރެ ގިނަ ޚާޠީބުން ބައިވެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޒުވާން ޚާޠީބުންގެ ޤާއުމީ މަހާސިންތާ އޮންނާނީ މިމަހުގެ 13ވަނަ ދުވަހުއެވެ.
ޒުވާން ޚާޠީބުންގެ ޤައުމީ މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ މަހާސިންތާއެކެވެ. މި މަހާސިންތާއަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު ޑރ. ޔާސިރު އައްދައުސަރީ ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ މަހާސިންތާއާއި ގުޅޭގޮތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢިދު ވިދާޅުވީ މިއީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާއެއް ކަމަށެވެ. އަދި މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށެވެ. އަދި މިހާތަނަށް 700އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވާއިރު، މިފަހަރުގެ މަހާސިންތާގައި އަތޮޅުތަކުން މާލެ އައުމަށް ބައެއް ޚަޠީބުންނަށް ދަތިތަކެއް ހުރުމާއި އިމްތިޙާންތަކާ ގުޅިގެން ބައެއް ޙަޠީބުންނަށް މަހާސިންތާއަށް ހާޒިރުނުވެވެއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ، ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.