ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވެ މާޒިޔާ އެފްއޭ ކަޕުން ކަޓައިފިއެވެ.
ލީގު ޗެމްޕިއަން މާޒިޔާ އެފްއޭކަޕުން ކެޓީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗްގައި ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، ކުޅުނު އިތުރު ވަގުތުގައިވެސް ނަތީޖާއެއް ނުނެރެވުމުން ޖެހި ޕެނަލްޓީގައެވެ. މެޗްގައި 2 ޓީމަށްވެސްވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތު ލިބިފައެވެ. މެޗްގެ 80ވަނަ މިނެޓުން ފެށިގެން ޔުނައިޓެޑް ވިކްޓްރީ ކުޅުނީ ދިހަ ކުޅުންތެރިންނާއެކީއެވެ. އެއީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ރަފީނިއާއަށް ދެރީނދޫ ކާޑާއެކު ރަތްކާޑުދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެކަށް ވެފައިވަނިކޮށް މާޒިޔާގެ މުޙައްމަދު އުމައިރަށްވެސްވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެން ކަމުން އިތުރު ވަގުތުގެ 15 މިނިޓްގެ ދެހާފްގައި ދެޓީމްވެސް ކުޅެމުންދިޔައީ ދިހަ ކުޅުންތެރިންނާއެކީއެވެ. މެޗްގައި ދެޓީމްގެ ގޯލް ކީޕަރުވަނީ ގިނަ ޙަމަލާތަކެއް ދިފާޢުކޮށްފައެވެ. img:http://s2.psmnews.mv/images/660x400/14782069400141.jpg|ޔޫވީގެ ގޯލް ކީޕަރ މަޙްމޫދު ޕެނަލްޓީއެއް މަތަކުރަނީ - ފޮޓޯ/ޕީއެސްއެމް
ސީޒަންގެ ހުރިހާތަށްޓެއް ކާމިޔާބުކުރުމުގެ އަމާޒްގައި ސީޒަންފެށި މާޒިޔާ ޕެނަލްޓީގައި ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވީ 3 ލަނޑު 2 ލަނޑުންނެވެ. މާޒިޔާއިންޖެހި ޕެނަލްޓީގެ ތެރެއިން ކަމިޔާބުކުރެވުނީ އަޙްމަދު ނާޝިދާއި އިރުފާން ޖެހި ޕެނަލްޓީއެވެ. މާޒިޔާގެ ގޯލް ކީޕަރ އިމްރާން މުޙައްމަދުވަނީ އެއްޕެނަލްޓީ ހިފަހައްޓާފައެވެ. މިޑްފިލްޑަރ މޫސާ ޔާމީން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އައްސަދު ޢަލީއާއި ޑިފެންޑަރ ޒިވްކޯ ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑް ވިކްޓްރީގެ ސީރިއާ ކީޕަރވަނީ ހިފަހައްޓާފައެވެ. img:http://s4.psmnews.mv/images/660x400/14782070105210.jpg|އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކުރުމުން ޔޫވީގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓީ/ޕީއެސްއެމް
ޔުނައިޓެޑް ވިކްޓްރީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ބިދޭސީ ކުޅުންތެރިޔާ ޑޯޑީއާއި ޙުސައިން ޝިމާޒާއި ގޯލް ކީޕަރ މަޙްމޫދު ފޮނުވާލި ޕެނަލްޓީވަނީ ކާމިޔާބުކޮށްފައެވެ. ޕެޓްރިކް ފޮނުވާލި ޕެނަލްޓީ ކީޕަރ ޢިމްރާން ހިފެހެއްޓި އިރު މޫސާ ޙަސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ސެމީފައިނަލްގައި ޔޫވީ ބައްދަލުކުރަންޖެހޭނީ ކްލަބް ވެލެންސިޔާއާއެވެ. ސެމީފައިނަލް ފުރަތަމަ މެޗްގައި ނިކުންނާނީ ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.