ޚަބަރު

ޓީޗަރސް ކޮންފަރެންސަށް 70 އަށްވުރެ ގިނަ ދިރާސާ ކަރުދާސް


  • ބައިވެރިވުމަށް އެކި ރަށްރަށުން ހުށަހެޅި

  • އަމިއްލައަށް ދިރާސާތައް ހަދައި ކަރުދާސްތައް ހުށަހަޅާފައިއްވޭ

250 ބޭފުޅުންނަށް ބައިވެރިވެވޭނެ ގޮތަށް އިންތިޒާމްކޮށްފައިވާ 8 ވަނަ ޓީޗަރސް ކޮންޕަރެންސައަށް ރަނގަޅު ތަރުހީބަކާއެކު 70 އަށްވުރެ ގިނަ ކަރުދާސް ހުށަހަޅާފައިވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީން ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންއަކީ އެންއައިއީން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި އެންއައިއީން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެންއައިއީގެ ސީނިއަރ ކަރކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް އަދި ކޮންފްރެސްގެ ކޯޑިނޭޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ ބައިނަލް އަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްގެ ސަބަބުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބިދެއެވެ.

"ޖުލައި ނިމުމާ ހަމައަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ދިނިން. އެގޮތުން ފުދޭވަރަކަށް ރަނގަޅު ތަރުހީބަކާއެކު އަޅުގަނޑުމެންނަށް 70 ވަރަކަށް ކަރުދާސް ހުށަހެޅިގެންދާ ފެންވަރަށް ހުށަހެޅުން." ޝުހުދާ ރިޒްވާން ވިދާޅުވިއެވެ.

ޓީޗަރސް ކޮންފަރެންސްއަށް ކަރުދާސް ހުށަހެޅުމަށް ގިނަ ބައެއްގެ އެދުމުގެ މަތިން ދެ ހަފްތާއަށް މުއްދަތު އިތުރުކޮށްދިން ކަމަށް ޝުހުދާ ރިޒްވާން ވިދާޅުވިއެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ ގިނަ ކަންކޮޅުތަކުން ހުށަހަޅައި ފުރިހަމަ އެއްބާރުލުން ދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. ޝުހުދާ ރިޒްވާން ވިދާޅުވީ ގިނަ ޓީޗަރުން ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި އަމިއްލައަށް ދިރާސާތައް ހަދައި ކަރުދާސްތައް ހުށަހަޅުއްވާކަމަށެވެ. އެގޮތުން ކޮންސެންޓްތަކެއް ތަރައްޤީކޮށްގެން ސްކޫލުގައި ތަންފީޒުކުރުމަށް ޕްލޭންކުރުމަށްފަހު ގެންނަވާކަމަށް ވިދާޅުވިއެވެ. މިއަހަރުގެ މި ކޮންފަރެންސްއަކީ މިކަން އެންމެ ބޮޑަށް ކާމިޔާބިވި އަހަރުކަމަށްވެސް ޝުހުދާ ރިޒްވާން ވިދާޅުވިއެވެ.

8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ވަރަށް ބޮޑުތަރުހީބެއް ލިބިފައިވާކަމަށާއި، އެގޮތުން ކަނޑައަޅާފައިވާ އަދަދަށް ވުރެއް އިތުރަށް ބައިވެރިވާން ހުށަހަޅާފައިވާކަމަށް އެންއައިއީން ފާހަގަކުރައްވައެވެ.

ޑިޕާރޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދިލާ ރުޝްދީ ވިދާޅުވީ، މި ކޮންފަރެންގެ ދެވަނަ ދުވަސް ޚާއްސަ ކުރެވިފައިވަނީ ޝާމިލްކޮށްގެން އުނގަންނައިދިނުމުގެ ބައިތައް ކުރިއަށް ގެންދިއުމަށް ކަމަށާ އެދުވަހުގެ ކީނޯޓް ސްޕީޗާއި ޕެނަލް ޑިސްކަޝަންގެ އިތުރުން ބެސްޓް ޕްރެކްޓިސް ޝެއަރ ކުރާނީ އެކަމަށް ކަމަށެވެ.

"ކުލާސް ރޫމް ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް އެހެން ޓީޗަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެބަ ފުރުސަތު ފަހިވެގެންދޭ. އަދި ބައެއް ފަހަރު ސްކޫލުތަކުގައި އިމްޕްލެމެންޓް ކުރަމުން އަންނަ ތަފާތު އެޕްރޮޗްތަކަށް އެހެން ސްކޫލުތަކާއި ހަމައަށް ހިއްސާކުރުމަށްޓަކައި ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެން އެބަދޭ." އާދިލާ ރުޝްދީ ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުޞަތު ހުޅުވާލާފައިވާ މިކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ.

ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި މައުޟޫޢުތަކުގެ އިތުރަށް ކުދިން ޝައުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައްތަކާއި ކޯޑިންގ އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކައް މި ކޮންފަރެންސްގައި އަލިއަޅުވާލާނެއެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އަދި 13 މި ދެދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ.