ވިޔަފާރި

ބައެއް މުދާ ކޮންޓެއިނަރުތައް ހުޅުމާލެއަށް ބަދަލުކުރަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ހުޅުމާލެއަށް ބައެއް ކޮންޓެއިނަރތައް ބަދަލުކުރަން ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ދުވާލަކު ދުއިސައްތަ ފަންސާސް ކޮންޓެއިނަރގެ މުދާ ބަލާ ހުސްކުރަންޖެހޭ ބަނދަރެކެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުން މާލޭ ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެނަރުގެ ތެރެއިން ފަނަރަ އިންސައްތަ މުދަލަކީ މާލޭގެ އެކި ފިހާރަކަށް ގެެންނަ މުދަލެވެ. ބަކީ ހުރި ކޮންޓެއިނަރުތަކަކީ އަތޮޅު ތެރެއަށް ބެހިގެންދާ މުދަލަށްވުމުން އެ ކޮންޓެއިނަރުތައް ހުސްކުރުމަށް ގިނަ ދުވަސްތަކެއް ބައެއް ފަހަރު ހޭދަވާކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވިއެވެ. އެހެންކަމުން ކޮންޓެއިނަރުތައް ގިނަވެ ބަނދަރު ތޮއްޖެހުމުންދާކަން ޖުނައިދު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ބައެއް ކޮންޓެއިނަރުތައް ހުޅުމާލެއަސް ބަދަލުކުރުމަށް ތައްޔާރުވުމުގެ މަސަައްކަތް އެމްޕީއެލުން ވަނީ ފަށާފައެވެ.

ޖުނައިދު ވިދާޅުވީ ހުޅުމާލެ އަށް ކޮންޓެއިނަރުތައް ބަދަލުކުރި ނަމަވެސް އެ ސަރަަޙައްދު ބޭނުންކުރާނީ މުދާ ދޫކުރާތަނެއްގެ ގޮތުގަައިކަމަށެވެ.

"އެހެންކަމުން އޭގެ ބޮޑުބައެއް ރާއްޖެތެރެއަށް ޑިސްޓްރިބިއުޓްވެގެން ނުވަތަ ޕްރޮޖެކްޓްތައް ދަނީ. އެގޮތުން އަޅުގަނޑުމެން މާލޭގެ ޓްރެފިކް ދައްކުުރުމަށް ހުޅުމާލެއަށް ޝިފްޓްކުރާނެ ބައެއް ކޮންޓެއިނަރތައް. ހުޅުމާލެ ބޭނުންކުރެވިދާނެ ޑިސްޓްރިބިޔުޓިންގ ޕޮއިންޓަކަށް" ޖުނައިދު ވިދާޅުވިއެވެ. 

ޖުނައިދު ވިދާޅުވީ ހުޅުމާލެ ބަނދަރުގައި ގާއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެ ތަނަށް ބޭނުންވާ އަލާތްތައް ހޯދެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޖުނައިދު ވިދާޅުވިއެވެ. ހުޅުމާލެއަށް ބައެއް ކޮންޓެއިނަރުތައް ބަދަލުކުރުން ހުޅުމާލެއާއި މާލެއިންވެސް މުދާތައް ދޫކުރާނެކަމަށާއި މި ބަދަލާއެކު ވިޔަފާރިވެރިންނަށް އެއްވެސް ދައްޗަކާ ކުރިމަތިނުވެ މުދާ ނެރުުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޕީއެލުން ބުނެއެވެ.