މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މި އިމާރާތް ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުންނެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިދާޅުވީ، ހުޅުމާލޭގައި އައު އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަމާއި، ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
8،064 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި އިމާރާތުގައި އޮފީސް އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ އިތުރުން، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ޚާއްސަ ތަންތަނާއި، ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއްވެސް ހިމެނޭ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި މި އިމާރާތުގައި މާލީ އިދާރާތަކަށް ޚާއްސަ އޮފީސް ޔުނިޓްތަކެއްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނުގައިވާގޮތުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 85-90 އިންސައްތައާ ދެމެދު ފައިނޭންސް ހަމަޖައްސަން ޖެހެނީ ކޮންޓްރެކްޓަރެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ އެމްއެމްއޭއިން ހަމަޖައްސައިދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މަރުކަޒީ ބޭންކުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' އަންނަމަހުގެ 11ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށްވެސް އެދިފައެވެ.