ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ހުސްވި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ކްވީޗާ ކްވަރަސްކޭލިޔާ އަށް އެވޯޑް ދީފި އެވެ.
އޭނާ އަށް އެވޯޑް ހަވާޅުކޮށްދިނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗަށް ފަހު އެވެ.
ސްލޮވާކިޔާގެ ސްލޮވަން ބްރަޓިސްލާވް އަތުން 6-1އިން މޮޅުވި މެޗަށް ފަހު އެވޯޑް ލިބިގަތުމަށްފަހު އޭނާ ބުނީ މި މަގާމަކީ އުއްމީދު ކުރި މަގާމެއް ނޫން ކަމަށާއި އޭނާ ބަލަނީ ވަކިވަކި އިނާމަށްވުރެ ބޮޑަށް ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.
ޖޯޖިއާގެ އެޓޭކިން މިޑްފީލްޑަރު ވަނީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ޕީއެސްޖީ ދިފާއުކުރިއިރު 16 މެޗުގައި 10 ގޯލު ޖަހައި ހަތް ގޯލު ޖަހަން މަގުފަހި ކޮށްދީފަ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގު ފެށި މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ. އެއީ ކޮންމެވެސް ވަރެއްގެ ހާނިއްކައެއްގައި އުޅޭތީ އެވެ.
ބްރަޓިސްލާވް މެޗުގައި ވިދާލީ ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު ފެރަން ޓޮރޭޒް އެވެ. މެޗުގައި ހެޓްރިކް ހެދި ކުޅުންތެރިޔާ ބުނީ ޕީއެސްޖީގައި އޭނާ ގިނަ ގޯލުތަކެއް ޖަހަމުންދަނީ އުފަލުގައި ހުންނާތީ ކަމަށެވެ.
"އަހަރެން މިތަނުގައި މިހުރީ ވަރަށް އުފަލުން. އުފަލުގައި ހުންނަ ކަމަށްވާނަމަ އޭގެ ހެޔޮ ނަތީޖާ ވެސް ފެންނާނެ. އެކަން ފެނިގެން މިދަނީ،" ވޯލްޑް ކަޕް ފައިނަލް މެޗުގައި ވެސް ގޯލު ޖެހި ފޯވަޑް ބުންޏެވެ.
އޭނާ ބުނީ ތިން ވަނަ ފަހަރަށް ތަށި ހޯދަން ޕީއެސްޖީ ނުކުމެފައިވާއިރު އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އާއި ސްޕޭނުގެ ރެއާލް މެޑްރިޑަކީ ތަށި ހޯދަން އެންމެ ބޮޑަށް ވާންކުރާނެ ކުލަބުތައް ކަމަށެވެ.
ރޭގެ މެޗުގައި ޕީއެސްޖީ އޮސްމާނޭ ޑެމްބެލޭ ދެ ގޯލު، އަދި ފެބިއަން ރުއިޒް ވެސް ގޯލު ޖެހި އެވެ.