އުރުދުންގައި ހުންނަ މުވައްފަޤް ސަލްޠީ އަސްކަރީ ވައިގެ ބަނދަރަށް އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ތަނުގައި ހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަން ހާމަވެއްޖެއެވެ. އުރުދުންގައި ހުންނަ މުވައްފަޤް ސަލްޠީ ނުވަތަ އަލް-އަޒްރަޤް އަސްކަރީ ވައިގެ ބަނދަރަކީ، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ބަނދަރެކެވެ. ސެޕްޓެންބަރު 8 އަދި 9 ވަނަ ދުވަހު ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އައިއާރްޖީސީން އެ ބަނދަރަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.
މި ހަމަލާތަކުގައި އެފް-15 މަރުކާގެ އަށް މަތިންދާބޯޓަކަށް ގެއްލުންވި ކަމުގައި މަޞްދަރުތަކުން ބުނެއެވެ. ނަމަވެސް، މަރާމާތު ކުރުމަށްފަހު އެ އުޅަނދުތައް އަލުން ޚިދުމަތަށް ނެރެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، 'ވޯޓްހޮގް' ގެ ނަމުން މަޝްހޫރު އޭ-10 ތަންޑަރބޯލްޓް މަރުކާގެ މަތިންދާބޯޓަކަށް ވެސް އައިއާރްޖީސީގެ ހަމަލާތަކުގައި ގެއްލުންވިއެވެ. އެ މަތިންދާބޯޓުގެ އެއް ފިޔަގަނޑު މުޅިން ހަލާކުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައިނެތްއިރު، އަސްކަރީ މަތިންދާބޯޓުތަކަށް ގެއްލުން ލިބިފައިވާ ކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ވެސް ނެތެވެ.
އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އައިއާރްޖީސީން ހަމަލާދޭން ފަށާފައި ވަނީ، ހުރްމުޒް ކަނޑުއޮޅީގައި ދެ ޤައުމުން ވަރުގަަދަ ހަމަލާތަކެއް ބަދަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ދަނީ، އެ ކަނޑުއޮޅިން ދަތުރުކުރަމުންދާ އީރާންގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދެމުންނެވެ. ރައްދުގައި އީރާނުން ވެސް ދަނީ އެމެރިކާގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރުގެ އިތުރުން ތެޔޮ ޓޭންކަރުތަކާއި އެމެރިކާގެ މަނަވަރުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. އައިއާރްޖީސީން ބުނީ، އެމެރިކާގެ ދެ މަނަވަރަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ މަނަވަރުތައް ފަހަތަށް ޖައްސާފައިވާ ކަމުގައެވެ.
އީރާނުގެ ހަމަލާތައް ދިފާޢުކުރުމަށް އެމެރިކާއާއި އުރުދުންގެ އަސްކަރިއްޔާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން، އެންމެ ފަހުގެ ހަމަލާތައް ދިފާޢު ކުރުމަށް 'ޕޭޓްރިޔަޓް' މަރުކާގެ 30 މިސައިލް ބޭނުންކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މިހާ ގިނަ ޢަދަދެއްގެ ޕޭޓްރިޔަޓް މިސައިލް ބޭނުންކޮށްފައި މި ވަނީ، އެ ހަތިޔާރުގެ ސްޓޮކު ވަރަށް ބޮޑަށް މަދުވެފައިވާ ދަނޑިވަޅެއްގައި ކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ، އެމެރިކާގެ އަސްކަރިއްޔާއަށް އަދި ސަރުކާރަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އަގުބޮޑު ޕޭޓްރިޔަޓް މަރުކާގެ މިސައިލް ސްޓޮކު އިންތިހާއަށް މަދުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން ރައްކާކޮށްފައި ހުރި ދުރު-ރާސްތާ މިސައިލްތަކުގެ ސްޓޮކު ވެސް ދަނީ ހުސްވަމުންނެވެ. މިއީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ އަސްކަރީ ޤާބިލުކަން ދަށްވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.