ޚަބަރު

"ވިޔަފާރިތަކުން ދީނީ ދަޢުވަތު ފެތުރުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ"


  • ސަލަފްއިން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދާކަން ވަޒީރު ފާހަގަކުރެއްވި

  • ދީނީ މަޢުލޫމާތު ފަތުރަން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވި

ރާއްޖޭގެ ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދީނީ ދަޢުވަތުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފްގެ ފަރާތުން ބާއްވާ ދުވާތުންގެ މަޖިލީހުގެ ދެ ވަނަ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ޖަމިއްޔަތުއްސަލަފަކީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މައިދާނަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން އިންޤިލާބީ ޖަމިއްޔާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އިސްލާމް ދީނުގެ އަޤީދާ ރާއްޖޭގައި ދިރުވާ އާލާކުރަން ގިނަ މަސައްކަތްތަކެއް ކުރާ ޖަމިއްޔާއެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދީނަށް ޚިދުމަތްކުރުމަކީ މަތިވެރި ނިޢުމަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ނިޢުމަތް ލިބެނީ ﷲ އިޚްތިޔާރުކުރައްވާ ބަޔަކަށްކަމަށާއި އެ ނަސީބަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އެއީ ވަރަށް ބޮޑު ޖިހާދެއް. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫން" އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައް ކުރިއަރުވަން މަސައްކަތްކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ކުރިއަށް އޮތް ޖީލުތަކަށް ސައްޙަ އަޤީދާގެ މަތީގައި ރާއްޖެ ފޯރުކޮށްދިނުމަކީ އެންމެން މަސައްކަތްކުރަންޖެހޭ އަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިސްލާމީ ދަޢުވަތު ދިނުމުގައި އާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކެތްތެރިކަމާއި ހިތްތިރިކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ޢިލްތިމާސްކުރެއްވިއެވެ.

ސަލަފްގެ ދުޢާތުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނޭހެން މަސައްކަތް ކުރައްވަމުން އަންނަ 60 އަށްވުރެ ގިނަ ޢިލްމުވެރީން މިއަހަރުވެސް ބައިވެރިވެވަޑައިގަންނަވައެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ، ސެޕްޓެމްބަރ މަހުގެ 10 އިން 13އަށެވެ. މި ބައްދަލުވުމުގައި، ރާއްޖެއިން ބޭރުގެ 4 ޢިލްމުވެރިއަކު ބައިވެރިވެ ވަޑައިގެން އެބޭފުޅުންގެ، ޢިލްމީ، ފަންނީ އަދި މައިދާނީ ތަޖުރިބާ ޙިއްސާކުރައްވާނެއެވެ.