ޚަބަރު

އެޗްއާރުސީއެމަށް 8 މަސް ތެރޭގައި 589 ޝަކުވާ


  • ތަހުގީގު ކުރުމަށް ނިންމާފައިވަނީ 284 މައްސަލަ

  • އެންމެ ގިނައީ ޞިއްޙީ ދާއިރާއާ ގުޅުންހުރި ޝަކުވާތައް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް ފާއިތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 589 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްއާރުސީއެމުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްސީލް އާންމުކޮށްފައެވެ. އެކޮމިޝަނަށް މި މުއްދަތުގައި ހުށަހަޅާފައިވާ ގިނަ ޝަކުވާތައް އިބްތިދާއީ މަރުހަލާގައި ނުބެލުމަށް ވަނީ ނިންމަވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމާއެކު އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 589 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާއިރު އިބްތިދާއީ މަރުހަލާގައި ތަހުގީގުކުރުމަށް ނިންމަވާފައިވަނީ 284 ޝަކުވާއެވެ. އަދި 305 ޝަކުވާއެއް ތަހުގީގު ނުކުރުމަށް މި މަރުހަލާގައި ވަނީ ނިންމާފައެވެ.

އެޗްއާރުސީއެމުން ވިދާޅުވީ އިބްތިދާޢީ މަރުހަލާގައި ތަހުގީގުނުކުރުމަށް ނިންމާފައިވާ ޝަކުވާތަކުގެ ތެރެއިން ގިނަ ޝަކުވާތަކަކީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭ އަދި ފުރަތަމަ މަރުޙަލާގައި ގުޅުންހުރި އިދާރާތަކަށް ހުށަހަޅަންޖެހޭ ޝަކުވާތައް ކަމަށެވެ. އެހެންވެ އެ ޝަކުވާތައް ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށާއި، ގުޅުންހުރި އިދާރާތަކަށް ހުށަހަޅައި އެ ޝަކުވާ ބެލުމުގައި ލަސްވާނަމަ ނުވަތަ އެ ޝަކުވާއާ ގުޅިގެން ގުޅުންހުރި އިދާރާއަކުން ޢަމަލުކުރިގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ޝަކުވާ އަލުން ހުށަހެޅުމަށްވާނީ ލަފާދެއްވާފައެވެ.

މީގެ އިތުރުން އެހެން އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ފެންނަ ޝަކުވާތައް ކޮމިޝަނުގެ ފަރާތުން އެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އެޗްއާރުސީއެމުން ވިދާޅުވިއެވެ.

އެ ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތެރޭގައި ކުރީ އަހަރުތަކުގައި ހުށަހަޅާފައިވާ 199 މައްސަލަ ހިމެނޭހެން 297 މައްސަލަ ވަނީ ތަހުގީގުކުރުމަށްފަހު ފައިލްކޮށްފައެވެ. އެގޮތުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖުލައި އަދި އޯގަސްޓް މަހުގެ ތެރޭގައެވެ. އެއީ ޖުލައި މަހުގައި 61 މައްސަލަ އަދި އޯގަސްޓް މަހުގެ ތެރޭގައި 48 މައްސަލައެވެ.

އެޗްއާރުސީއެމުން ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް އަވަސް މިނެއްގައި ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. މިއަހަރު ބަލަން ނިންމި މައްސަލަތަކުގެ %72 މައްސަލަ 90 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި މިއަހަރު ހުށަހެޅި މައްސަލަތައް 70 ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއަހަރު އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ 188 ޝަކުވާގެ މަސައްކަތެވެ. ނަމަވެސް ކުރީގެ އަހަރުތަކުން ވާރުތަވެފައިވާ 415 މައްސަލައެއްގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ 102 މައްސަލައެއް ހިމެނޭއިރު ދުވަސްވީ މައްސަލަތައް ނިންމުމަށް އިތުރު ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެޗްއާރުސީއެމުން ވިދާޅުވެފައިވާ ގޮތުގައި މިއަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޞިއްޙީ ދާއިރާއާ ގުޅުންހުރި ޝަކުވާތަކެވެ. އެ ދާއިރާއިން 104 ޝަކުވާއެއް ހުށަހަޅާފައިވާއިރު ފުލުހުން އަނިޔާކުރާ ކަމަށްބުނެ ހުށަހަޅާފައިވާ 23 މައްސަލައަކާއި ބަންދުގައި ތިބޭ މީހުންގެ ޙައްގުތަކާ ގުޅުންހުރި 21 ޝަކުވާއެއް ހުށަހަޅާފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމިޝަނުން ތަހުގީގު ކުރަން ނިންމި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ބަންދުގައި ތިބި މީހުންގެ ޞިއްޙަތާ ގުޅުންހުރި މައްސަލަތައް ކަމަށް އެޗްއާރުސީއެމުން ވިދާޅުވެއެވެ. އެގޮތުން، އެންމެ ގިނައީ ކަމާގުޅުންހުރި ޚާއްޞަ ޑޮކްޓަރަކަށް ނުދެއްކުމާއި ޑޮކްޓަރުގެ ލަފަޔާއެއްގޮތަށް ފަރުވާ ނުލިބުމާއި ޢާންމު ޞިއްޙަތާއި ފަރުވާ ކުޑަވުންފަދަ މައްސަލަތައްކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.