ޚަބަރު

ނިމުނު ހަފުތާ: ހިންގުމަށް ބޮޑެތި ބަދަލުތަކާއެކު، ޤާނޫނީ ފިޔަވަޅުތަކެއް


  • ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާ އެއްކޮށްލަން ނިންމެވުން

  • ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަން ނިންމެވުން

  • އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުވުން ނިންމާފައިވާ ކަމަށް ވިދާޅުވުން

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. (7 ސެޕްޓެންބަރު) އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުންފުނިތަކުގެ ހިންގުމަށް ގެންނަން ނިންމަވާފައިވާ ބަދަލުތައް ހިއްސާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުން:

- ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާ އެއްކޮށްލަން ނިންމެވުން
- ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައެޅުން
- 60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަން ނިންމެވުން
- ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަން ނިންމެވުން
- އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުވުން ނިންމާފައިވާ ކަމަށް ވިދާޅުވުން
- މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިސްލާހުކުރަން ނިންމެވުން

(ސެޕްޓެންބަރު 8) ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މަޝްވަރާގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ފޮނުއްވި ސިޓީފުޅެއްގައިކަމަށެވެ.

(ސެޕްޓެންބަރު 8) ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއް ފަހަރު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ފަރާތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެމަސައްކަތްތައްވަނީ ފައްޓަވާފައެވެ. މިގޮތަށް ނިންމެވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ ގެއްލުމުގެ މަގުމަތީގައި އޮތުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

(ސެޕްޓެންބަރު 10) އިންޖިނިއަރުންގެ ދައުރު ފާހަގަކޮށް އެކަމަށް ދޭ "އިންޖިނިއަރސް އެވޯޑް" ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ އިންޖިނިއަރިންގ ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ޑރ. ފުރުޤާން އިބްރާހިމަށެވެ. އެންމެ މޮޅު އިންޖިނޭރުގެ އިތުރުން 8 އެވޯޑެއް މި ހަފްލާގައި ވަނީ ދީފައެވެ. މީގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ޔަންގް އިންޖިނިއަރ ނުވަތަ އެންމެ ޒުވާން އިންޖިނޭރުގެ އެވޯޑާއި އަންހެން އިންޖިނޭރުގެ އެވޯޑު ހިމެނެއެވެ.

(ސެޕްޓެންބަރު 6) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަނުކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ. އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

(ސެޕްޓަންބަރު 10) ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް، ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަންވެސް ފާހަގަކޮށްލެވެއެވެ. މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 11 ސެޕްޓެންބަރު 2026 ން 14 ސެޕްޓެމްބަރ 2026 އަށެވެ. އަދި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ 16 ސެޕްޓެންބަރު 2026 އިން 17 ސެޕްޓެންބަރު 2026 އަށެވެ.

ވިޔަފާރީގެ ދާއިރާ:

(ސެޕްޓެންބަރު 6) ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ދައުލަތުގެ ބޭސް ކުންފުނީގައި ޤާއިމުކުރެވިއްޖެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުންކަމަށް އެކުންފުނިވަނީ މިދިޔަ އަހަރު ފާހަގަކޮށްފައެވެ. ކުންފުންޏަށް އަހަރެއްވުމާއި ގާތްވެފައިވާއިރު އެކުންފުނިން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ ބޭހުގެ މައްސަލަ ހައްލުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

(ސެޕްޓެންބަރު 6) ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި އަދި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ.

(ސެޕްޓެންބަރު 7) މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކޮށްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މ.ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކޮށްފައިވާކަމަށެވެ.

(ސެޕްޓެންބަރު 10) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދު ޝާޢިއުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ޤާވައިދުގެ ދަށުން 8 އަހަރަށް ވުރެ ދިގުމުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ވަނީ ހިމަނާފައެވެ.

(ސެޕްޓަންބަރު 10) ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެމްއެމްއޭ އިން ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އަދި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ. ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިޔަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ސެޕްޓަންބަރު 10) ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފައިވަނީ މިދިޔަ ބުރާސްތި ދުވަހުއެވެ. މި ތާރީޚީ ކާމިޔާބީ ހާސިލުކުރީ ސ. ފޭދޫ، ކަންމަތީގެ، ޢާއިޝަތު ޝީނާއެވެ. ޝީނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުޙަބާ ވިދާޅުވެ، ރަސްމީ ޓުއަރ ގައިޑް ފާސް ހަވާލުކޮށްދެއްވާފައެވެ.

(ސެޕްޓެންބަރު 10) ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ނިންމީ ބުރާސްފަތި ދުވަހުއެވެ. ބީއެމްއެލްއިން ވިދާޅުވީ، މިގޮތަށް ނިންމުމާ ގުޅިގެން، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

(ސެޕްޓެންބަރު 10) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގައި ހުޅުވާފައިވަނީ ބުރާސްފަތު ދުވަހުއެވެ. ވިނަރެސް 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ހަދާފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ.

އެހެނިހެން ޚަބަރުތައް:

(ސެޕްޓެންބަރު 9) ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައި ހޮޓްލައިނަށް ގިނަ އަދަދަކަށް މެސެޖު ލިބިފައިވާ ކަމަށާއި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވީ މިދިޔަ ބުދަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސުޖުތަކުގެ ތެރެއިން، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ.

(ސެޕްޓެންބަރު 5) ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ސަރަހައްދު ހިމެނޭހެން އަތޮޅު ތެރޭގައިވެސް ހިންގާލުން ކުރިއަށް ގެންގޮސްފައިވާއިރު، މި ހިންގާލުމުގައި ފުލުހުންގެ އެކި ބަހާތަކުން 1200 އަށް ވުރެ ގިނަ ފުލުހުންނާއި މުވައްޒަފުން ބައިރިވެރިވެފައިވެއެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހިނގާލުން މާލޭގައި ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ.

(ސެޕްޓެންބަރު 6) ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. ފަނޑިޔާރު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ. އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރުޢީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ފެމިލީ ކޯޓުގައެވެ. އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ.

(ސެޕްޓެންބަރު 6) ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ސަރުކާރުން ދާއިމީ ބިމެއް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސަރުކާރުން އެންޑީއެމްއޭއަށް ދާއިމީ ބިމެއް ހަމަޖައްސަވާދެއްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ.

(ސެޕްޓެންބަރު 7) ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގ ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ކާމިޔާބުކަމާއެކު ގާއިމުކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޚާއްސަ ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ އެއްވަގުތެއްގައި ސްނޯކްލިންގްކޮށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.

(ސެޕްޓެންބަރު 8) އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ. މިއީ ދެކުނުގެ ސަރަޙައްދުގައި މަސައްކަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި އިދާރީ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިމާރާތްކުރި ތަނެކެވެ. މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ތިން ބުރީގެ 40 މީހުންގެ ޖާގައިގެ މި އިމާރާތް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

(ސެޕްޓެންބަރު 9) ރާއްޖެއިން ޞިއްޙީ ދާއިރާގައި ކާމިޔާބީތަކެއް ހޯދާފައިވާތީ މިކަމުގެ އަގުވަޒަން ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފައިވަނީ ޓިމޯ ލެސްޓޭގައި ކުރިއަށްދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ޚާއްސަ އެވޯޑެއް ދީފައިވަނީ، ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ރާއްޖެއިން ހާސިލުކޮށްފައިވާތިއްޔާއި، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީއެވެ.

(ސެޕްޓެންބަރު 10) ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެ ފަހުން ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ ވުޒާރާއިން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.