ޚަބަރު

މެލޭޝިއާ: މެދު އާމްދަނީގެ ބާރުގަދަ އިޤްތިޞާދަކަށް!


  • އާބާދީ 34 މިލިޔަނަށްވުރެ މައްޗަށް އަރާ

  • ތަރައްޤީއާއި އިޤްތިޞާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް

މެލޭޝިއާގެ އާބާދީއާއި ދައުލަތުގެ ހިންގުމުގެ ނިޒާމު!

މެލޭޝިއާއަކީ ދެކުނު އިރުމަތީ އޭޝިއާގައި އޮންނަ 34 މިލިޔަނެއްހާ މީހުންގެ އާބާދީއެއް އޮތް ޤައުމެކެވެ. އެ ޤައުމުގެ އާބާދީގެ ބޮޑު ބައެއް ހިމެނެނީ މެލޭ ދަރިކޮޅުގެ މީހުންނެވެ. އޭގެ އިތުރުން ޗައިނާ ދަރިކޮޅާއި އިންޑިއާ ދަރިކޮޅުގެ މީހުންވެސް އެ ޤައުމުގައި ދިރިއުޅެއެވެ.

މެލޭޝިއާގެ ދައުލަތް ހިންގަނީ ފެޑެރަލް ޤާނޫނީ ރަސްކަމެއްގެ ނިޒާމެއްގެ ދަށުންނެވެ. ޤާނޫނީ ރަސްކަލެއް ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަ އިރު ސަރުކާރު ހިންގުމުގެ ބާރު އޮންނަނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެއެއް އޮންނައިރު 13 ސްޓޭޓާއި ތިން ފެޑެރަލް ޓެރިޓަރީ ހިމެނެއެވެ.

މެލޭޝިއާ އިޤްތިޞާދީގޮތުން ހޯދި ކުރިއެރުން!

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމެއް ކަމަށްވާ މެލޭޝިއާ، ވޭތުވެދިޔަ ދޮޅު ޤަރުނުގެ ތެރޭގައި އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުމަކީ ދުނިޔެ ޙައިރާންކޮށްލި ކާމިޔާބީއެއް ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.

ދުރު މާޒީއަށް ބަލާއިރު، މެލޭޝިއާ ވަނީ ބޭރު ޤައުމުތަކަށް ރޯ މެޓީރިއަލް ބޭރުކުރާ ޤައުމެއްގެ ގޮތުގައި އޮތުމަށްފަހު، މިހާރު ތަފާތު ސިނާޢަތްތައް ހިމެނޭ ތަރައްޤީވެފައިވާ އިޤްތިޞާދަކަށް ބަދަލުވެފައެވެ.

އެ ޤައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު ބައި ކަމުގައިވާ ޚިދުމަތުގެ ދާއިރާ (ސަރވިސް ސެކްޓަރ)އިން އާމްދަނީގެ %58 ޙިއްސާކުރާއިރު ސިނާޢީ ދާއިރާއިން %35 އަދި ބޭރުކުރާ މުދަލުން %7 ވުރެ ބޮޑު ބައެއް ހިމެނެއެވެ.

2024ވަނަ އަހަރު މެލޭޝިއާގެ އިޤްތިޞާދު %5.1 ގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެ ޤައުމުގެ މައި ބޭންކް ބުނެފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ %3.7 އާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2025 ވަނަ އަހަރު ވެސް އެ ޤައުމުގެ ޖީޑީޕީ %5.2 އަށް އިތުރުވެފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު %6 އަށް މަތިވެފައިވެއެވެ.

ޤައުމުގެ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް 15،000 އެމެރިކާ ޑޮލަރު ޖެހެއެވެ. މެލޭޝިއާއަކީ 500 ބިލިޔަން ޑޮލަރުގެ އިޤްތިޞާދެކެވެ.

2024ވަނަ އަހަރު މެލޭޝިއާގެ އިޤްތިޞާދު %5.1 ގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެ ޤައުމުގެ މައި ބޭންކް ބުނެފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ %3.7 އާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2025 ވަނަ އަހަރު ވެސް އެ ޤައުމުގެ ޖީޑީޕީ %5.2 އަށް އިތުރުވެފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު %6 އަށް މަތިވެފައިވެއެވެ.

ޤައުމުގެ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް 15،000 އެމެރިކާ ޑޮލަރު ޖެހެއެވެ. މެލޭޝިއާއަކީ 500 ބިލިޔަން ޑޮލަރުގެ އިޤްތިޞާދެކެވެ.

ޢުމްރާނީ ތަރައްޤީގައި މެލޭޝިއާއަކީ ނަމޫނާ ޤައުމެއް!

އުމްރާނީ ތަރައްޤީގެ ދާއިރާގައި މެލޭޝިއާގައި ބޮޑެތި، ނަމޫނާ މަޝްރޫޢުތަކެއް ހިންގާފައިވެއެވެ.

ނުވަދިހައިގެ ކުރީކޮޅު ބޭރު އިންވެސްޓްމެންޓްތަކާއެކު، ވެރިރަށް ކުއާލާލަމްޕޫރުގެ މެދުގައި ޕެޓްރޯނަސް ޓްވިން ޓަވާ ބިނާކޮށް ތަރައްޤީގެ ބޮޑު ބަދަލެއްގެ ނިޝާނެއް ދުނިޔެއަށް ދައްކައިލިއެވެ.

މެލޭޝިއާގެ މަލްޓި ބިލިޔަން ޑޮލަރު މަޝްރޫޢު، "ޓްވެލްތް މެލޭޝިއާ ޕްލޭން"ގެ ދަށުން ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިންޤިލާބެއް ދަނީ ގެންނަމުންނެވެ.

400 ބިލިޔަން ރިންގިޓް (98.4 ބިލިޔަން ޑޮލަރު)ގެ މަޝްރޫޢުގައި، ދަތުރުފަތުރާއި ޔުޓިލިޓީ އަދި ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑެތި މަޝްރޫޢުތައް ހިންގައެވެ. މި މަޝްރޫޢުގެ ދަށުން ހިންގާ 50 ބިލިޔަން ރިންގިޓުގެ އީސްޓް ކޯސްޓް ރެއިލް ލިންކް (އީސީއާރުއެލް) އަކީ ހުޅަނގާއި އިރުމަތި ގުޅައިލުމަށް ހިންގާ ބިޔަ މަޝްރޫޢެކެވެ. 2027 ގައި މި މަޝްރޫޢު ނިމުމުން އެ ޤައުމުގެ އިރުމަތީ ސްޓޭޓްތަކުގެ ޖީޑީޕީ %1.5 އިން އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ފެންވަރު ރަނގަޅު އުމްރާނީ ވަސީލަތް ހުރި ޤައުމެއް ކަމުގައި މެލޭޝިއާ ހިމަނާފައިވެއެވެ.

ރައްޔިތުންގެ ލާބައަށްބަލާއިރު މެލޭޝިއާގައި ފަޤީރުކަން ހައިރާންވާ ފަދަ މިންވަރަކަށް ނައްތާލާފައިވެއެވެ. 1970 ގައި އާބާދީގެ %49.3 ފަޤީރުކަމުގެ ރޮނގުގައި ތިރީގައި ތިބި އިރު 2019 ވަނަ އަހަރު އެ ނިސްބަތް ވަނީ %5.6 އަށް ތިރިކޮށްފައެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ދެމެހެއްޓެނިވި ކުރިއެރުމުގެ ސަބަބުން ފަޤީރުކަން ނައްތައިލައި އދ. ގެ އިންސާނީ ތަރައްޤީގެ އިންޑެކްސްގައި "މަތީ ތަރައްޤީ" ގެ ދަރަޖައަށް އެ ޤައުމު ވާސިލުވެފައިވެއެވެ.

އިތުރު ކުރިއެރުންތައް:

ވޯލްޑް ބޭންކުން ބުނާ ގޮތުގައި 2028 އާއި 2030 އާ ދެމެދު މެލޭޝިއާ، މަތީ އާމްދަނީ ލިބޭ ޤައުމެއްގެ ދަރަޖައަށް ވާސިލުވާނެ ކަމަށް އަންދާޒާކުރެއެވެ.

2025 ވަނަ އަހަރުގެ ފެބުރުވަރީ އެކެއްގައި މެލޭޝިއާގެ އެންމެ ދަށް މުސާރަ 1,500 ރިންގިޓުން 1,700 ރިންގިޓަށް ބޮޑުކޮށް 4.37 މިލިޔަން މަސައްކަތްތެރީންނަށް އެ ބަދަލުގެ ފައިދާ ކޮށްފައިވެއެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް %3.1 އަށް ދަށްވެ އިންފްލޭޝަންވެސް %1.5 ގައި ހިފެހެއްޓިފައިވެއެވެ.

ޞިއްޙީ ދާއިރާގައި 270,000 އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރީން ހަރަކާތްތެރިވާ މެލޭޝިއާގެ ސިއްޙީ ނިޒާމު ވަނީ ހަމަހަމަ، ފެންވަރު ރަނގަޅު، ދުނިޔެ ބަލައިގެންފައިވާ ނިޒާމަކަށް ބަދަލުކޮށްފައެވެ. ޓެކްސް އާމްދަނީން ހިންގާ ދައުލަތުގެ ޞިއްޙީ ނިޒާމެއް މެދުވެރިކޮށް 1980 ގެ ތެރޭގައި މެލޭޝިއާ ވަނީ ޔުނިވާސަލް ހެލްތު ކަވަރޭޖް ޤާއިމުކޮށްފައެވެ. 2024 ގެ ފުރަތަމަ 6 މަހުގައި އެކަނިވެސް ބޭސްފަރުވާގެ ފަތުރުވެރިކަމުން 642,643 ފަތުރުވެރީން މެލޭޝިއާއަށް ޚިދުމަތަށް ޒިޔާރަތްކޮށް، 1.26 ބިލިޔަން ރިންގިޓުގެ އާމްދަނީ ލިބިފައިވެއެވެ.

އިޤްތިޞާދީ ތަޖުރިބާކާރުން ލަފާކުރާގޮތުގައި މިއަހަރު މެލޭޝިއާގެ ޖީޑީޕީ ކުރިއެރުން، ކުރީ އަހަރަށް ވުރެ ބާރުވެ މެލޭޝިއާގެ އިޤްތިޞާދު އިތުރަށް ވަރުގަދަވާނެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ މި ދަތުރުގައި މެލޭޝިއާ އިން ދައްކުވައިދެނީ ހަރުދަނާ ސިޔާސަތާއި ރޭވުންތެރިކަމާއެކު، ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވެވިދާނެކަމުގެ ނަމޫނާއެކެވެ.