ޚަބަރު

އިޓަލީވިލާތުން ތެލާއި ގޭސް އުފެއްދުން އިތުރުކުރަނީ


އިޓަލީވިލާތުގެ އެތެރޭގައި ތެލާއި ގޭސް އުފައްދާ މިންވަރު އިތުރުކޮށް، ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އިޓަލީވިލާތުގެ އެތެރޭގައި ތެލާއި ގޭސް އުފެއްދުން އިތުރުކުރުމަށާއި، މިކަމަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ އިދާރީ މަރުޙަލާތައް އަވަސްކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖާ މެލޯނީ ވިދާޅުވީ، އެ ޤައުމުން އުފެއްދެން ހުރި އެއްޗެއް ބޭރުގެ ޤައުމުތަކުން ގަތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ބޭރުގެ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިޓަލީވިލާތުގައި އަހަރަކު އުފައްދަނީ އެންމެ 29 މިލިއަން ފީފާގެ ސާފުނުކުރާ ތެލާއި، 3 ބިލިއަން ކިއުބިކް މީޓަރުގެ ޤުދުރަތީ ގޭހެވެ. މިއީ އެޤައުމަށް ބޭނުންވާ ޖުމްލަ ހަކަތައާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ކައުންސިލްތަކާއި ގައުމީ އިދާރާތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ހުއްދަ ދޫނުކޮށް ލަސްވާ ޙާލަތްތަކުގައި، އެކަންކަން އަވަސްކުރުމަށް ސަރުކާރުން ސީދާ ޚާއްޞަ ކޮމިޝަނަރުން އައްޔަންކުރާނެ ކަމަށް އެޤައުމުގެ ހަކަތައިގެ ވަޒީރު ގިލްބަރޓޯ ޕިޗެޓޯ ފްރާޓިން ވަނީ ވިދާޅުވެފައެވެ.

އިޓަލީ ސަރުކާރުން ކުރިން ނިންމާފައި އޮތީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަވަސްކުރުމަށް ކޮމިޝަނަރުން އައްޔަންކުރުމަށެވެ. ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލުމުން، ސަރުކާރުގެ އިސްކަންދޭ ތަރުތީބު ބަދަލުކޮށް، ތެލާއި ގޭސް ފަދަ ޢާންމު ހަކަތަ އުފެއްދުން އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ތެލާއި އެލްއެންޖީ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ސަރަޙައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ތެލުގެ އަގުތައް ހިފެހެއްތުމައަޓަކައި މާރިޗް މަހުން ފެށިގެން އެޤައުމުގެ ސަރުކާރުން ވަނީ ތެލުން ނަގާ ޑިއުޓީ ކުޑަކޮށްފައެވެ. މި ލުއިތައް ދިނުމަށް ސަރުކާރުން މިހާތަނަށް 2.6 ބިލިއަން ޔޫރޯ ޚަރަދުކޮށްފައިވެއެވެ. އިޓަލީގެ ގައުމީ ތެޔޮ އުފައްދާ އިދާރާ، (ޔޫއެންއީއެމް) އިން އަންދާޒާކުރާ ގޮތުގައި، މިއަހަރު އެޤައުމަށް ހަކަތަ އެތެރެކުރުމަށް 60 ބިލިއަން ޔޫރޯ ހޭދަވާނެއެވެ. މިއީ ފާއިތުވި އަހަރަށްވުރެ 8 ބިލިއަނާއި 9 ބިލިއަން ޔޫރޯއާ ދެމެދުގެ އިތުރުވުމެކެވެ.

އިޓަލީގެ ހަކަތައިގެ ދާއިރާގައި، ސަރުކާރުގެ ޙިއްޞާ އޮންނަ "އެނީ"ގެ އިތުރުން "ޝެލް" އަދި "ޓޯޓަލް އެނާޖީސް" އިން ދަނީ ޙަރަކާތްތެރިވަމުންނެވެ.