މައްސަލަތައް ޙައްލުކުރެވޭނެ ހަމައެކަނި މަގަކީ މަޝްވަރާގެ މަގު ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިންގެ އަރިހުގައި ދަންނަވައިފިއެވެ. އޭނާ އެހެން ވިދާޅުވީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަނގުރާމަ ދިގުދެމިގެން ގޮސްފައި ވަނިކޮށެެވެ.
އިންޑިޔާގެ ނިއު ދިއްލީގައި މި ހަފްތާ ބަންދުަގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި މޯދީއާއި ޕުޓިންއާ ދެމެދު ބޭއްވި ބައްދަލުވުމެއްގައި އިންޑިޔާއާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުމުގެ އެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެ ގޮތުން ވިޔަފާރިއާއި ހަކަތައާއި ދިފާޢީ ދާއިރާގެ އިތުރުން ޖައްވީ ދާއިރާއާއި ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމުގައި އެންމެ މައިގަނޑު ދާއިރާތަކަކީ މިއީ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އޭގެ އިތުރުން ދެ ޤައުމުގެ ވެސް މަސްލަހަތު ހިމެނޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އިތުރުން ބްލެކް ސީއާ ބެހޭ މަޝްވަރާތައް ހިމެނެއެވެ. މައްސަލަތައް ޙައްލު ކުރެވޭނީ މަޝްވަރާގެ މަގުން ކަމަށާއި، ޞުލްޙަ ޤާއިމް ކުރުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާއިން އަބަދު ވެސް އެހީތެރިވުމަށް ތައްޔާރަށް އޮންނާނެ ކަމަށް މޯދީ ވިދާޅުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ރަޝިޔާއަކީ އިސްތިރާޖީ ގޮތުން އިންޑިޔާއަށް އެންމެ މުހިންމު އެއް ބައިވެރިޔާއެވެ. އަދި އިންޑިޔާއަށް އެންމެ ގިނައިން އަސްކަރީ ސާމާނު ފޯރުކޮށްދޭ އެއް ޤައުމު ވެސް މެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އިންޑިޔާއިން ރަޝިޔާގެ އެހީތެރިކަން ހޯދައެވެ.
ޕުޓިން އެންމެ ފަހުން އިންޑިޔާއަށް ޒިޔާރަތް ކުރެއްވީ 2025ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ކިރްގިސްތާނުގައި ބޭއްވި ޝާންހާއީ ކޯއޮޕަރޭޝަން އޯގަނައިސޭޝަންގެ ސަމިޓުގައި ޕުޓިންއާއި މޯދީއާ ބައްދަލުވެވަޑައިގެންފައިވެއެވެ. ޕުޓިން މިހާރު އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ސަމިޓުގެ ހަވާސާގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.