ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ ސ.ގަމަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ.ގަމަށެވެ. އެއީ 183 މިލިމީޓަރުގެ ވާރޭއެވެ.
2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ގދ. ތިނަދުއަށެވެ. އެއީ 87.6 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 51.2 މިލިމީޓަރުގެ ވާރޭއެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ ރ.އިފުރަށެވެ. އެއީ 1.5 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތަށް ގަދަވާނެކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ރާޅު އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3 ފޫޓާ 7 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.