ޚަބަރު

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް


  • ފަތުރުވެރިކަމުގެ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ ރަޖިސްޓްރީ ވާން ޖެހޭ

  • ޖީއެސްޓީ ނެގުމުގެ މަސައްކަތް ފެށިގެންދާނީ އޮކްޓޯބަރ އެކަކުން ފެށިގެން

ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަންގައިފިއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލްއާ އެއްގޮތަށް މި ޓެކްސް ނެގުމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ އޮކްޓޯބަރ 1ވަނަ ދުވަހުން ފެށިގެންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަތުން ރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ޖީއެސްޓީ ނެގުމަށް ހިމަނާފައިވެއެވެ. މި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މީރާއިން މިހާރު ފަށާފައިވާއިރު، މިކަމާއި ގުޅިގެން މީރާއިން ނެރުނު ސާކިއުލާގައި ޖީއެސްޓީއަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ.

މީރާއިން ނެރުނު ސަރކިއުލަރއެއްގައި ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ އެތެރޭގައި ޚިދުމަތް ދޭ ކަމުގައި ބަލާނެ ޚިދުމަތްތަކަކީ، ރާއްޖެއަށް ކުރާ ދަތުރުތަކާއި، ރާއްޖޭގައި ފަތުރުވެރިއަކަށް ހަމަޖައްސާ ކެއުމާއި ބުއިމުގެ ޚިދުމަތުގެ އިތުރުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޚިދުމަތެވެ. އެހެން ކަމުން މިއިން އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ، ބޭރުގައި ރަޖިސްޓްރީކޮށް މަސައްކަތް ކުރިނަމަވެސް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.

މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީ ވާން ޖެހޭ ފަރާތްތަކުގެ ގޮތުގައި ހިމެނެނީ ކޮން ބައެއްކަންވެސް ސާފުކޮށްދީފައެވެ. ނަމަވެސް އެއިދާރާއިން ލިސްޓުކޮށްފައިވާ ޚިދުމަތްދޭ ފަރާތްތައް ފިޔަވާ މިފަދަ ޚިދުމަތްތައް ރާއްޖޭގައި ދޭ އިތުރު ފަރާތްތައް ހިމެނިގެންދާނެކަން އެއިދާރައިން ފާހަގަކުރެއެވެ.

އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ފަރާތްތައް

1. ބޭރުގެ ޓުއަރ އޮޕަރޭޓަރުން
2. ބޭރުގެ ޓްރެވަލް އޭޖެންޓުން
3. އޮންލައިން ޓްރެވަލް އެޖެންސީތައް
4. ބެޑް ބޭންކުތައް
5. އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް
6. ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް
7. ޗާޓަރު އޮޕަރޭޓަރުން
8. ބުކިންގ ޕްލެޓްފޯމްތައް ފަދަ ފަރާތްތައް

ހަމައެއާއެކު އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭނެ ކަމަށް މީރާއިން ވިދާޅުވިއެވެ. އޭގެތެރޭގައި އޮންލައިން ޓްރެވަލް އޭޖެންޓުންނާއި، ބުކިންގ ޕްލެޓްފޯމްތަކާއި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ފަރާތްތައް ފަދަ ފަރާތްތައް ހިމެނޭނެނެ ކަމަށް އެއިދާރައިން ވިދާޅުވިއެވެ.

މީރާއިން ފަތުރުވެރިކަމުގެ ދައިރާގެ ޖީއެސްޓީއަށް އަށް ބޭރުގައި ހިންގަމުންދާ ތަންތަނަށް ރަޖިސްޓްރީގެ ވުމުގެ ފުރުސަތު ހުޅުވާލިއިރު، ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ޖެހެނީ މީރާގެ ޕޯޓަލް މެދުވެރިކޮށްކަން ވަނީ ހާމަކޮށްފައެވެ. މި ޕޯޓަލްއަށް މިހާރު މީރާގެ ވެބްސައިޓު މެދުވެރިކޮށް ވަދެވެއެވެ. އެ ފަރާތެއް ރަޖިސްޓްރީވުމާއެކު، މީރާއިން އެފަރާތަކަށް ޖީއެސްޓީ ދެއްކުމަށް ބޭނުންވާ ޖީއެސްޓީ ޓިން ނަމްބަރު ހިމެނޭ ސެޓްފިކެޓް ދޫކުރާނެއެވެ. އަދި މީރާ-ކަނެކްޓުގައި އެކައުންޓެއް ތައްޔާރުކޮށް ޖީއެސްޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ފަހިކޮށްދޭނެއެވެ. ރަޖިސްޓްރީ ވުމުގެ ހުރިހާ މަރުހަލާއެއް އެނގޭނެ ގައިޑެއްވެސް މީރާގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މީރާއިން ވިދާޅުވީ ޖީއެސްޓީއަށް ރަޖިސްޓަރވާ ބޭރުގެ ފަރާތްތަކަށް ޚާއްސަ އީމޭއިލެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ. އަދި މިއީމެއިލް މެދުވެރިކޮށް މިކަމާއި ގުޅޭ ސުވާލުތަކާއި ކަންބޮޑުވުންތަކަށް މީރާއިން ޖަވާބުދެމުންދާނެ ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ވުމާއި ގުޅޭ ކަންކަމުގައި މެއިލް ކުރަން ޖެހެނީ [email protected] އަށް ކަމަށް މީރާއިން ވިދާޅުވިއެވެ.