ޚަބަރު

"9 ޤަރުނު %100 އިސްލާމްކަންމަތީ، އެހެން ޤައުމަކަށް ނުލިބޭ ފަޚުރެއް"


  • ރާއްޖެ އިސްލާމްކަންމަތީ ދެމިއޮތީ އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައިކަން ފާހަގަކުރެއްވި

  • ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ރާއްޖެ މިހާތަނަށް އިސްލާމްކަންމަތީ ދެމިއޮތީ އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށްފަހު ރައީސްގެ އަނބިކަނބަލުންވަނީ އިސްލާމީ ހިދާޔަތުގައި ދިވެހިން އަބަދަށްމެ ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.


ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) އެވެ. ރާއްޖޭގެ ރަސްކަލުން އިސްލާމްދީން ގަބޫލުކުރެއްވުމާ ގުޅިގެން، މުޅި ރާއްޖެ އިސްލާމްދީނަށް ބަދަލުވިއެވެ. އިސްލާމްވި ފުރަތަމަ ރަސްކަލަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދިﷲ (ޛަވްލީ ކަލަމިންޖާ) އެވެ.ދީން ފެތުރުއްވި ބޭފުޅާ: ރާއްޖެއަށް އިސްލާމްދީން ގެނެސްދެއްވި ބޭފުޅަކީ މަޣުރިބު ކަރައިގެ (މޮރޮކޯގެ) އިލްމުވެރިއެއް ކަމަށްވާ އަބުުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީއަތެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެއެވެ.