ޚަބަރު

ބްރިކްސް ސަމިޓުގެ ގުޅިފައިވާ ބަޔާނަށް ފަލަސްޠީނުން މަރުޙަބާ ކިޔައިފި


ދުނިޔޭގެ އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމުތައް އެކުލެވޭ ބްރިކްސް ޖަމާޢަތުގެ ސަމިޓު ނިންމުމުގެ ގޮތުން ނެރުނު ޚާއްސަ ބަޔާނަށް ފަލަސްޠީނުގެ ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ތާޢީދުކޮށް އެ ބަޔާނުގައި ހިމަނާފައިވާ މުހިންމު ނިންމުންތަކަށް ފަލަސްޠީނުން ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ބްރިކްސް ސަމިޓުގެ ނިންމުންތަކަށް މަރުޙަބާ ކިޔަމުން ފާހަގަކޮށްފައިވަނީ، އިރުމަތީ ޤުދުސް ހިމެނޭހެން ފަލަސްޠީނުގެ ބިންތަކުން އެ ޤައުމުގެ ރައްޔިތުން މަޖުބޫރުން ނެރުމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ބްރިކްސްއިން ނިންމި ނިންމުމަކީ ތާރީޚީ ނިންމުމެއް ކަމަށެވެ. މީގެއިތުރުން، ޔަހޫދީ ދައުލަތުގެ ޣައިރުޤާނޫނީ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށާއި، ދެ ދައުލަތުގެ ޙައްލު ޤާއިމުކުރުމުގެ އިތުރުން، އދގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ހޯދައިދިނުމަށް އެ ޖަމާޢަތުން ދިން ފުރިހަމަ ތާޢީދުވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ (އަންރުވާ)ގެ އިންސާނީ ޚިދުމަތްތަކަށް ބްރިކްސްއިން ދިން އެއްބާރުލުމަށްވެސް އެ ވުޒާރާއިން ވަނީ ތަޢުރީފުކޮށްފައެވެ. އަދި އިރުމަތީ ޤުދުސްގައިވާ މުޤައްދަސް މިސްކިތްތަކާއި ބިންތަކުގެ ޙުރުމަތްތެރިކަން ކަށަވަރުކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ދިނުމުގެ އިތުރުން، ޙިޞާރުކޮށްފައިވާ ޣައްޒާއަށް އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު އިލްތިމާސްތަކަށްވެސް ފަލަސްޠީނުން ވަނީ މަރުޙަބާ ކިޔާފައެވެ.

ފަލަސްޠީނުގެ ޚާރިޖިއްޔާއިން އިތުރަށް ބުނީ، މި ނިންމުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން، މި ނިންމުންތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި، ޔަހޫދީންގެ އަނިޔާވެރި އިސްތިޢުމާރު ވަގުތުން ހުއްޓުވައި، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭކަން އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ސަމިޓު ނިންމުމުގެ ގޮތުން ބްރިކްސްގެ ވެރިން ނެރުއްވި ގުޅިފައިވާ ބަޔާނުގައި، ޣައްޒާއާއި ހުޅަނގު އައްސޭރިން ފަލަސްޠީނު ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށް އިޙްތިރާމްކުރުމާއެކު، ޣައްޒާގައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެޅިފައިވާ އެންމެހައި ހުރަސްތައް ނައްތާލުމަށް ވަނީ ގޮވާލައިފައެވެ.

އަދި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުންތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކާމެދު ބްރިކްސްއިން ކަންބޮޑުވުން ފާޅުކޮށް، ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ސުލްޙަވެރި ޙައްލެއް ހޯދުމަށްޓަކައި، އދގެ ފުރިހަމަ މެންބަރުކަން އެ ޤައުމަށް ދިނުމަށް ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭހެން އުފެދުނު ބްރިކްސް ޖަމާޢަތް، 2024ވަނަ އަހަރުން ފެށިގެން ވަނީ އިތުރަށް ފުޅާވެފައެވެ. މިގޮތުން މިޞްރު، އިތިއޯޕިއާ، އިންޑޮނޭޝިއާ، އީރާން، ސަޢޫދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) ހިމެނޭ ގޮތަށް މިހާރު 11 ޤައުމު މި އިއްތިޙާދުގައި ހިމެނެއެވެ.

މި ޖަމާޢަތަކީ މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބަޔާއި، ދުނިޔޭގެ ޖުމްލަ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ 40 އިންސައްތަ ޙިއްސާކުރާ ނުފޫޒުގަދަ ޖަމާޢަތެކެވެ.