ޚަބަރު

"ދިރާސީ އަހަރު ފުރަތަމަ ބަދަލު އަންނަނީ ގްރޭޑް 1ގެ ފޮތްތަކަށް"


  • ކީސްޓޭޖު އެކެއްގެ އިތުރު ގްރޭޑުތަކުގެ ފޮތްތަކަށް ބަދަލު އަންނަނީ 2028ގައި

  • މިއަހަރު މިކަމަށް މުދައްރިސުން ތަމްރީން ކުރަން ފަށާނެ

އަންނަ ދިރާސީ އަހަރުގެ ކިޔެވުމާއެކު ފުރަތަމަ ބަދަލު އަންނަނީ ގްރޭޑް 1ގެ ދަރިވަރުންގެ ފޮތްތަކަށްކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވަނީ ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. ކީ ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1، 2 އަދި 3ގެ ދަރިވަރުންނެވެ.

ކީސްޓޭޖް 1ގެ ދަރިވަރުންގެ ފޮތްތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުލް ލަޠީފް މުޙައްމަދު ވިދާޅުވީ ކީސްޓޭޖް 1ގެ ފޮތްތަކަށް ގެނައުމަށް މަސައްކަތް ކުރާ ބަދަލަކީ އެކި އެކި މާއްދާތަކުގައި ހުންނަ ލާނިން އޮބްޖެކްޓިވްސްތައް ތީމެޓިކް ކުރުމުގެ މަސައްކަތްތައްކަމަށެވެ. މިބަދަލުތައް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނަށް އުނގެނުމަށް އިތުރަށް ފަސޭހަކޮށްދިނުންކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ބަދަލުތަކާއެކު މުދައްރިސުންނަށްވެސް އުނގަންނައިދިނުމަށް ފަސޭހަ ވެގެންދާނެކަމަށެވެ.

"ވަކިވަކި މާއްދާތައް ބައިބައިކޮށްގެން ކިޔަވައިދިންނަމަވެސް އެއްމާއްދާއާއި އަނެއްމާއްދާ ގުޅިގެން ދޭހަވާ ގޮތަށް ކިޔަވައިދޭނީ. މިސާލަކަށް އިނގިރޭސި މާއްދާއާއި ހިސާބު މާއްދާއާއި އިސްލާމް މާއްދާ ގުޅިގެން އަންނަ ހިސާބަކީ ކޮބާތޯއާއި ސައިންސްއާއި ސޯޝަލްއާއި ކްރިއޭޓިވް އާޓްސްއާއި ފިޒިކަލް އެޑިއުކޭޝަން ގުޅިގެން އަންނަނީ ކިހިނެއްތޯ. މިގޮތަށް ބަލާފައި ވީހާވެސް ބޮޑަށް ކުދިންނަށް ފަސޭހަވާނެހެން ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަނީ." ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުލް ލަޠީފް މުޙައްމަދު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ފޮތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓުގެ ފަންނީ ލަފައާއި އެހީތެރިކަން ހޯދައިގެން ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދަނީ ތައުލީމަށް އިންގިލާބީ ބަދަލެއް ގަނައުމަށް ކުރާ މަސައްކަތުގެ ދަށުންކަމަށާއި މި މަސައްކަތް ނިމޭއިރު މިހާރު އެކުލަވާލާފައިވާ ސިލަބަސްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ކޮންޓެންޓަށްވެސް ބަދަލު އަންނާނެކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ބަދަލުތަކާއެކު މުދައްރިސުން އުނގަންނައިދޭ ގޮތަށް ބަދަލުތައް އައިސް ކުދިންނަށް އިތުރަށް ފަސޭހަވެ ދަސްކުރަންވެސް ހަލުވިކަމެއް އަންނާނެކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ބަދަލު އެންމެ ފުރަތަމަ އަންނަނީ ކީ ސްޓޭޖް 1ގެ ގްރޭޑް 1ގެ ދަރިވަރުންގެ ފޮތްތަކަށްކަމަށެވެ. އަދި އެ ސްޓޭޛްގެ އިތުރު ގްރޭޑްތަކުގެ ފޮތްތަކަށް ބަދަލު އަންނަނީ 2028 ވަނަ އަހަރުގައިކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެއަށް ފަހު އިތުރު ކީސްޓޭޖްތަކުގެ ފޮތަކަށްވެސް ބަދަލު އަންނާނެކަމަށްް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބަދަލުތަކާ ގުޅިގެން މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.