ޚަބަރު

ބަންކަރިން ޚިދުމަތުން 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް


  • މިއީ ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެއް

  • މި ޚިދުމަތް ފެށީ 2024 ވަނަ އަހަރު

ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރު ލިބިފައިވާކަމަށެވެ. އަދި މިއީ މީގެ ކުރިން ރާއްޖެއަށް ވަތް ރެވެނިއުއެއް ނޫންކަމަށާއި މި އާމްދަނީ އެއަށް ވުރެ މަތިވުމަކީ ކުރެވޭ އުންމީދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ ތެރެއިން ކުރެވެމުންދަ މަސައްކަތުން އުންމީދު ދަނީ ބޮޑުވަމުން. އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ޚިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ." އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.

ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.