ގއ. މާމެންދޫއިން 60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާމެންދޫ ގެސްޓު ހައުސް އަކާއި ރަށު ޞިއްޙީ މަރުކަޒު ބޭސްފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ފަށައި ތުހުމަތު ކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރި ކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ތަކެތި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ ޢަންދަލީބުގެ އުމުރުން 42 އަހަރުގެ އަޙްމަދު ސަޢުދު އާއި ގއ. މާމެންދޫ ސަންލައިޓްވިލާ އުމުރުން 33 އަހަރުގެ ޙަމްދޫން ޙަސަން އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަމްދޫން ޙަސަން 15 ދުވަހަށް އަދި އަޙްމަދު ސަޢުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތިވެސް ހޯދާފައިވާ ކަމަށެވެ.
ގެސްޓު ހައުސްއިން ވަގަށްނެގި ތަކެތީގެ ތެރޭގައި މެކްބުކް ސަރފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯއަކާއި، ކެނޮން ކެމެރާއެއް ހިމެނެއެވެ. ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރައްވަމުންނެވެ.