އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށް ހަ މަސްދުވަސް ވެފައިވާއިރު، މިހާތަނަށް 38 ބިލިޔަން ޑޮލަރު ހޭދަވެފައިވާ ކަމަށާއި ކޮންމެ މަހަކު އެ ޢަދަދު 3 ބިލިޔަން ޑޮލަރުން އިތުރުވާނެ ކަމުގައި ކޮންގްރެޝަނަލް ބަޖެޓް އޮފީހުން (ސީބީއޯ) ބުނެފިއެވެ. މިއީ، ހަނގުރާމަ ނިމުމަކަށް ގެނެސް، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ. މި ހަނގުރާމައިގެ ސަބަބުން 2027 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގައި އެމެރިކާގައި އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު %0.5 އުފުލޭނެ ކަމުގައި އެ އޮފީހުގެ ހިސާބުތަކުން ދައްކައެވެ.
ޚަރަދުތަކުގެ ބޮޑުބައި ހިއްސާކުރަނީ ހަލުވިކަމާއެކު ހަތިޔާރުތައް ބޭނުންކުރުން ކަމަށާއި، ހަތިޔާރު ގުދަންތައް އަލުން ފުރައިލުމަށް ފަސް އަހަރު ނަގާފާނެ ކަމުގައި ސީބީއޯއިން ބުނެއެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ދިފާއީ ތައްޔާރީތަކަށާއި އިޤުތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ޗައިނާއާއި ތައިވާނާ ދެމެދު އެހެން ކުރިމަތިލުމެއް ހިނގައިފިނަމަ، އިޖާބަދިނުމަށް ޕެންޓަގަނަށް ހުރަސްއެޅިދާނެ ކަމުގައި އެ އިދާރާއިން ހާމަކުރެއެވެ. ހުސްވާން ކައިރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނާ ހަތިޔާތު ސްޓޮކު އަލުން އިޔާދަކުރުމަށް 90 ބިލިޔަން ޑޮލަރުގެ ކުއްލި އެހީއަކަށް ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ އެދިވަޑައިގަންނަވާފައެވެ.
މި ހަނގުރާމައިގައި އެމެރިކާ އަސްކަރިއްޔާގެ 18 ސިފައިން މަރުވެފައިވާއިރު، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި އަސްކަރީ މަތިންދާބޯޓުތަކަށް އީރާނުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނަމަވެސް، ހަތިޔާރު މަދުވެފައިވާ ކަމަށް ބުނާ ވާހަކަތައް ޕެންޓަގަނުންނާއި ވައިޓް ހައުސްއިން ދޮގުކުރެއެވެ. އެމެރިކާގެ އަސްކަރިއްޔާގައި އިސްތިރާޖީ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުކުރެވޭ ވަރަށް ހަތިޔާރާއި ވަސީލަތްތައް އެބަހުރި ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ ވަނީ ވިދާޅުވެފައެވެ. އަދި، ބޭނުން ވަގުތެއްގައި ހަމަލާދިނުމުގެ ގާބިލުކަން އެބަހުރި ކަމަށް ޕެންޓަގަނުން ވެސް ބުނެއެވެ.
ދުނިޔޭގެ ތެލުގެ 20 އިންސައްތަ އުފުލާ ހުރްމުޒް ކަނޑުއޮޅިއަށް ދިން ހަމަލާތަކާ ގުޅިގެން ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. މީގެއިތުރުން، އެމެރިކާގެ ދަރަނި އޯގަސްޓް މަހު 40 ޓްރިލިޔަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ މާލީ ހާލަތަށް ބޮޑެތި ފިއްތުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެކުރިން އެމެރިކާއިން ކުރި އަށް އަހަރުގެ ޢިރާޤު ހަނގުރާމައަށް 2 ޓްރިލިޔަން ޑޮލަރު އަދި ދެ ދަހަރުގެ އަފްޣާނިސްތާން ހަނގުރާމައަށް 2.3 ޓްރިލިޔަން ޑޮލަރު ހޭދަވިއެވެ.