ޚަބަރު

އެމެރިކާގައި ހެލިކޮޕްޓަރެއް ވެއްޓި ނޫސްވެރިންތަކެއް މަރުވެއްޖެ


އެމެރިކާގެ ލޮސް އެންޖެލިސްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަޢުލޫމާތު ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިން ތިބި ހެލިކޮޕްޓަރެއް ވެއްޓި، ތިން މީހުން މަރުވެއްޖެއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ މަޝްހޫރު މީޑިއާ ނެޓްވޯކްތައް ކަމުގައިވާ އެންބީސީ އަދި ޓެލެމުންޑޯ އިން ބޭނުންކުރަމުންދިޔަ ހެލިކޮޕްޓަރެއް ކަމަށްވާ "ނިއުސްޗޮޕަރ4" އެވެ.

މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސަން ފަރނާންޑޯ ވެލީގެ ޗެޓްސްވާތުގައި ހުންނަ ބޮޑު ގުދަނެއްގެ ކައިރިއަށެވެ. އެވަގުތު މި ހެލިކޮޕްޓަރު ދިޔައީ، އޭގެ ދެގަޑިއިރު ކުރިން ކާރަކާއި ސިޓީ ބަހެއް ޖެހި ދެ މީހުން މަރުވެ، ހަ މީހުން ޒަޚަމްވި ހާދިސާ ވައިގެ މަގުން ކަވަރުކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެންބީސީ4 ލޮސް އެންޖެލިސްގެ ޕްރެޒެންޓަރު ކޮލީން ވިލިއަމްސް ވަނީ ލައިވް ބްރޯޑްކާސްޓްގައި އެ ސްޓޭޝަނުގެ ހެލިކޮޕްޓަރު ވެއްޓި ދެ މީހަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ލައިވް ކަވަރޭޖް މެދުކަނޑައިލުމަށްފަހު، ފަހުން އެ ސްޓޭޝަނުން ހާމަކުރި ގޮތުގައި، މަރުވި ދެ މުވައްޒަފުންނަކީ 'އެންޖެލް ސިޓީ އެއަރ'ގެ ފަރާތުން މަސައްކަތްކުރަމުންދިޔަ ރިޕޯޓަރު އެލިއާނާ މޮރޭނޯ އާއި ޕައިލެޓް ޖޯޖް މާސިނިއު އެވެ.

ލޮސް އެންޖެލިސް ފަޔަރ ޑިޕާޓްމަންޓުގެ ތަރުޖަމާނު ކެޕްޓަން ބްރެންޑަން ސިލްވަރމަން ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓި، ރޯވުމުގެ ސަބަބުން، އެއްކޮށް އަނދާފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އިމާރާތެއްގެ ބޭރުގައި އޮތް ޕާކިންގ ސަރަޙައްދަކުން ކަމަށެވެ.

މީގެއިތުރުން، މި ހާދިސާގައި ރޯވި އަލިފާނުގެ އަސަރު އެ ސަރަޙައްދުގައި ހުރި ހަތަރު ކާރަކަށާއި ދެ ކޮންޓޭނަރަކަށް ފޯރި ނަމަވެސް، 70 އަށްވުރެ ގިނަ ފަޔަރފައިޓަރުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި ޒަޚަމްވި އިތުރު ދެ މީހަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރަސްމީ އިދާރާތަކުން މަޢުލޫމާތު ދެއެވެ.

ލޮސް އެންޖެލިސްގެ މޭޔަރު ކެރެން ބޭސް ވަނީ މި ދެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި ޗެޓްސްވާތުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހިތްވަރު ދެއްވައިފައެވެ.

މީގެއިތުރުން ކެލިފޯނިއާގެ ގަވަރނަރު ގެވިން ނިއުސަމް ވަނީ، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދެއްކި އަވަސް އަދި ހަރުދަނާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އާއި ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގުޅިގެން މިހާރު ވަނީ ފުޅާ ތަޙުޤީޤެއް ފަށައިފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި، 2000ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގައި ނޫސްވެރިން ގޮވައިގެން ވައިގެ މަގުން ހާދިސާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ހެލިކޮޕްޓަރުތައް ވެއްޓުމުގެ ނުރައްކާތެރި 8 ހާދިސާއެއް ހިނގައި، ޖުމްލަ 16 މީހުން ވަނީ މަރުވެފައެވެ.