ޔަހޫދީ ސިފައިންގެ ވައިގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޣައްޒާގެ ހަތް ބުރީގެ ޢާންމު އިމާރާތެއް ރޭގަނޑުގެ ވަގުތެއްގައި ކުއްލިއަކަށް ވެއްޓި، އޭގައި ހިޔާވަހިކަން ހޯދައިގެން ތިބި ފަލަސްޠީނުގެ 16 މީހަކު މަރުވެ، 14 މީހަކު ޒަޚަމްވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭއިރު، އިމާރާތުގެ ކޮންކްރީޓް ބައިތަކުގެ ދަށުގައި 100 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭތީ، ސަލާމަތީ ޚިދުމަތްތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޣައްޒާ ސިޓީގެ މަދަނީ ރައްކާތެރިކަމާއި ބެހޭ އިދާރާގެ ޑިރެކްޓަރު ރާއިދު އަލް-ދަހްޝާން ވިދާޅުވީ، ވެއްޓުނު އިމާރާތުގައި މަދުވެގެން 10 ޢާއިލާ ދިރިއުޅެމުންދިޔަ ކަމަށާއި، ކޮންކްރީޓްތަކުގެ ދަށުން އަދިވެސް މީހުންގެ އަޑު އިވެމުންދާތީ، ދިރިތިބި މީހުން ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ 2,000 އަށްވުރެ ގިނަ އިމާރާތުގައި، ދިރިއުޅޭނެ އެހެން އެއްވެސް ގޮތެއް ނެތުމުގެ ސަބަބުން 10،000 ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ. އދ. ގެ ކަމާބެހޭ ފަރާތްތަކާއި ފަލަސްޠީނުގެ މަސްއޫލުވެރިން ހާމަކުރައްވާ ގޮތުގައި، އިމާރާތްތަކުގެ ދަށުން މީހުން ނެގުމަށް ކޮންމެހެން ބޭނުންވާ ބަރު އުޅަނދުފަހަރާއި މެޝިނަރީ ޣައްޒާއަށް އެތެރެކުރުމަށް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ.
އދ ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ޣައްޒާ އޮފީހުގެ ވެރިޔާ އަލެސާންޑްރޯ މްރަކިޗް ވިދާޅުވީ، އެކަށީގެންވާ މެޝިނަރީ ނެތުމުގެ ސަބަބުން މީހުން ސަލާމަތްކުރާ ފަރާތްތަކަށް މަޖުބޫރުވެފައިވަނީ އަމިއްލަ އަތުން ކޮންކްރީޓްތައް ނަގައި ކޮނުމަށެވެ. އަދި ކުރިއަށް އޮތް ފިނި މޫސުމުގެ ވިއްސާރައާއެކު، ޣައްޒާގައި ވެއްޓުމުގެ ނުރައްކަލުގައި ހުރި 400 އަށްވުރެ ގިނަ އިމާރާތް ކުއްލިއަކަށް ވެއްޓިދާނެ ކަމުގެ ބިރު ބޮޑު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އދ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން 61 މިލިއަން ޓަނުގެ ކުނި ވަނީ ޖަމާވެފައެވެ. މި ކުނިތައް އެއްކޮށް ސާފުކުރުމަށް ގާތްގަނޑަކަށް 7 އަހަރު ދުވަސް ހޭދަވާނެ މިންވަރެކެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާ އިސްވެ އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް، ޔަހޫދީ ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ހުއްޓުމެއްނެތި ޣައްޒާއަށް ބޮންއަޅައި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުންނެވެ. އެގޮތުން، އެއްބަސްވުމަށްފަހުވެސް ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާއިން 1,300 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. ޙަމާސްއިން ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުޗާޓު ތަންފީޒުކުރުމަށް ހުރަސްއަޅަނީ ސީދާ ޔަހޫދީ ސަރުކާރުންނެވެ.