ޚަބަރު

ޗެލްސީގެ ހިއްސާ ބޮއެލީ އާއި ވޮލްޓަރ ވިއްކާލައިފި


ޗެލްސީ ފުޓްބޯޅަ ކްލަބްގެ ހިއްސާ ޓޮޑް ބޮއެލީ އާއި މާކް ވޮލްޓަރ އެ ކްލަބްގެ ހިއްސާ ވިއްކާލައިފިއެވެ.

ޗެލްސީގެ މެޖޯރިޓީ ހިއްސާ އޮންނަ ކްލިއަލޭކް ކެޕިޓަލް އިން ބޮއެލީ އާއި ވޮލްޓަރގެ ހިއްސާ ވިއްކާލާފައިވާއިރު, އެ ކްލަބުގެ ކުޑަ ހިއްސާއެއް އޮންނަ ސްވިޒަލޭންޑްގެ ބިލިއަނަރ ހެންސްޔޯގް ވީސް ވަނީ އޭނާގެ ހިއްސާވެސް ވިއްކާލާފައެވެ. އެހެންކަމުން ކްލިއަލޭކް ކެޕިޓަލްގެ ކޯ ފައުންޑަރުން ކަމުގައިވާ ބެގްދާދް އެގްބާލީ އާއި ހޯސޭ ފެލިސިއާނޯއަށް ވަނީ ޗެލްސީގެ ފުރިހަމަ ކޮންޓްރޯލް ލިބިފައެވެ.

ބޮއެލީ އާއި ވޮލްޓަރގެ އިތުރުން ވީސްގެ ހިއްސާގެ ގޮތުގައި ކޮންމެ މީހެއްގެ ހިއްސާ އަކީ %12.8 އެވެ. އަދި ކްލިއަލޭކްގެ ހިއްސާއަކީ %61.5 އެވެ.

އެމެރިކާގެ މަހުޖަނު, ބޮއެލީ ޗެލްސީގެ ހިއްސާ ވިއްކާލުމުގެ އިތުރުން ޗެލްސީގެ ޗެއަރމަންގެ މަގާމުންވެސް އޭނާ އިސްތިއުފާ ދޭނެވެ. ޗެލްސީގެ ޗެއަރމަންގެ މަގާމާއި އޭނާ ހަވާލުވެފައިވަނީ 2022 ވަނަ އަހަރު 2.3 ބިލިއަން ޕައުންޑަށް ރަޝިޔާގެ ރޯމަން އަބްރަމޮވިޗް އަތުން ޗެލްސީ ގަތުމަށްފަހުގައެވެ.

އަބްރަމޮވިޗް ޗެލްސީ ވިއްކާލާފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހު އިނގިރޭސި ސަރުކާރުން އޭނާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެން ޗެލްސީ ހިންގުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ.

ބޮއެލީގެ އިތުރުން ވޮލްޓަރގެ ހިއްސާ އެމީހުން ވިއްކާލާފައިވަނީ 2024 ވަނަ އަހަރު ޗެލްސީގެ ހިއްސާދާރުންގެ މެޗުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގައެވެ. އަދި ބޮއެލީ ޗެލްސީ ހިންގާ ގޮތާއިމެދު ކްލިއަލޭކް ކެޕިޓަލްއިން ހިތްހަމަ ނުޖެހޭކަމަށް މީގެ ކުރިންވެސް މީޑިޔާ ރިޕޯޓްތައްވަނީ ބުނެފައެވެ.

2022 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ވިއްކާލިފަހުން އެ ކްލަބަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ޔޫއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް އެ ކްލަބުން ވަނީ ކާމިޔާބުކޮށްފައެވެ.