ޚަބަރު

ޖޮޓާއަށް އިހުތިރާމް ކުޑަކުރި ސަޕޯޓަރުން ނިސްބަތްވާ އަލް-ތާވޫންއަށް އަދަބު ދީފި


  • 20،000 ލައުންޑުން ޖޫރިމަނާ ކުރި

ސައުދީ ޕްރޯ ލީގުގައި ޑިއޮގޯ ޖޮޓާއަށް އިހުތިރާމް ކުޑަކޮށް, އަޑުގަދަކުރި ސަޕޯޓަރުން ނިސްބަތްވާ އަލް ތާވޫންއަށް އަދަބު ދީފިއެވެ.

އަލް-ތާވޫން އަށް ދިން އަދަބަކީ އެޓީމް ދެން އެންމެ އަވަހަށް ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ މެޗަށް ސަޕޯޓަރުން ވެއްދުން މަނާކުރުމެވެ. މީގެއިތުރުން އެކްލަބް 100,000 ރިޔާލު (20 ހާސް ޕައުންޑް) އިން ޖޫރިމަނާ ކުރިއެވެ.

އެޓީމަށް އަދަބު ދިނީ އަލްހިލާލްއާ ވާދަކުރި މެޗު ފެށުމުގެ ކުރިން ހިލާލްގެ މިޑްފީލްޑަރ ރުބެން ނެވޭސް އަށް ޖޮޓާގެ ނަމުން މުހާތަބުކޮށް, މަލާމާތް ރައްދުކުރުމުންނެވެ. ރުބެން ނެވޭސް އަކީ ޖޮޓާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަޑަމީ ދުވަސްވަރުން ފެށިގެން ކްލަބް ފުޓްބޯޅައާއި ގައުމީ ޓީމްގައިވެސް އެ ދެ ކުޅުންތެރިންގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ. ކާރު އެކްސިޑެނެޓެއްގައި ޖޮޓާ މަރުވުމުން އެންމެ ބޮޑު އަސަރެއް ކުރި އެކަކީވެސް ޖޮޓާއެވެ.
ޖޮޓާގެ ހަނދާންތައް ދެމެހެއްޓުމަށް ނެވޭސް މިހާރު ބޭނުންކުރަނީވެސް ޖޮޓާ ބޭނުންކުރި 21 ނަމްބަރު ޖަރޒީއެވެ. އަލް-ތާވޫންގެ ސަޕޯޓަރުންގެ އަމާޒަކަށް ރުބެން ނެވޭސްވީ 6-0 ން އަލް-ހިލާލު މޮޅުވި މެޗުގައެވެ. ސަޕޯޓަރުން ވަނީ ތަކުރާރުކޮށް ޖޮޓާގެ ނަމުން ނެވޭސްއާ މުހާތަބުކޮށްފައެވެ. މެޗަށްފަހު ނެވޭސް ބުނީ އެގޮތަށް އަމަލުކުރި ސަޕޯޓަރުން މީގެފަހުން އަޅުކަން ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ސައުދީ ލީގުގެ އަލް-ނަސްރަށް ކުޅޭ ޕޯޗްގަލް ކެޕްޓަން ރޮނަލްޑޯ ވަނީ ޖޮޓާއަށް އިހުތިރާމް ކުޑަކުރި ސަޕޯޓަރުން މުޅި އުމުރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރަން ގޮވާލާފައެވެ.

މިކަމާ ގުޅިގެން އަލް-ތާވޫނުން ނެރުނު ބަޔާނުގައި ބުނީ ސަޕޯޓަރުންގެ އެއަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި އެއީ ކްލަބް ތަމްސީލްވާނެ އަމަލެއް ނޫންކަމަށެވެ. ސަޕޯޓަރުންގެ އެއަމަލަކީ ކްލަބުން ބަލައިގަންނަ ހަމައެއް ނޫންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.