ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފް ހަދައިގެން މިހާތަނަށް 27 ކުދިން


  • ފަރޓިލިޓީ ސެންޓަރުގެ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރުގައި

  • 8 ފަރާތެއްގެ ޓްރީޓްމަންޓް މިހާރުވެސް ކުރިއަށްދޭ

އައިވީއެފް މެދުވެރިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާތަނަށް 27 ކުދިން އުފަންވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ކާމިޔާބު ކުރެވިފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އޭގެތެރެއިން 8 ފަރާތެއްގެ ޓްރީޓްމަންޓް މިހާރުވެސް ކުރިއަށްދާއިރު ޓްރީޓްމަންޓަށްފަހު ކާމިޔާބުކަމާއެކު 27 ކުއްޖަކު އުފަންވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ދަރިމައިވުމުގެ މައްސަލައަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއާއެކު އައިޖީއެމްއެޗްގައި ޤާއިމުކުރެވުނު ސެންޓަރުން ފަރުވާ ހޯދާ ޢާއިލާއެއް ބިނާކުރުމުގެ އުފާ 27 ޢާއިލާއަކަށްވަނީ ލިބިގެން ގޮސްފައެވެ.

ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އިތުރުވަމުންދާ މައްސަލައެކެވެ. އައިވީއެފް އައި އައިޔޫއައި މެދުވެރިކޮށް ދަރިމައިވުމުގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދުމަކީ ޢާއިލާތަކުން އުފުލަމުންދާ މާލީ އަދި ނަފްސާނީ ބޮޑު ތަކުލީފެކެވެ. އެހެންކަމުން ރާއްޖޭގައި މިޚިދުމަތް ފުޅާވެގެންދިޔުމަކީ އޭގެ ސަބަބުން ޢާއިލާތަކަށްކުރާ މާލީ އަދި ނަފްސާނީ އަސަރު ކުޑަކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

ދަރިމައިވުމަށް ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބައެއް ފަރާތްތަކަށް، ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށްދިނުމަށް ފަރޓިލިޓީ ޕްރިޒަވޭޝަން ޚިދުމަތްވަނީ އެފަރާތްތަކަށް ފޯރުކޮށްދީފައެވެ.

ސިއްޙީ ދާއިރާއިން ރާއްޖެއިން ބޮޑެތި ކާމިޔާބީތައް ހޯދަމުންދާއިރު ފަރިމައިވުމުގެ ދާއިރާ ފުޅާވެގެން ދިޔުމަކީ މިދާއިރާއިން ޤައުމަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ދަރިމައިވުމުގެ ފަރުވާ އަތޮޅުތަކަށްވެސް ފުޅާކުރުމަށެވެ.