ތ. ގުރައިދޫގައި ބިދޭސީއަކު މަރާލިކަމުގެ ކުށް ސާބިތުވެ، އޭނާ މަރާލި ބިދޭސީ މީހާ އުމުރަށް ޖަލަށް ލުމާއެކު 1 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ 2020 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުރޭ ދަންވަރު ތ. ގުރައިދޫގައި ޝާހް އަލަމް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް މަރާލިކަމަށް ތުހުމަތުވާ މައްސަލައިގައި ބަބުލް މިއަހްގެ މައްޗަށް ދައުވަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އެ ކޯޓުން ކުރި ހުކުމެކެވެ. ޝާހް އަލަމް މަރާލާފައިވަނީ ތޫނު އެއްޗަކުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީގެންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ޝާހް އަލަމަށް ލިބުނު އަނިޔާތަކަކީ ބަބުލް އޭނާއަށް ދީފައިވާ އަނިޔާތަކެއް ކަމަށް ޝަރީޢަތުގައި އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ޝާހް އަލަމް ދިރިއުޅޭ ކޮޓަރިތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އޭނާއަށް ކަތިވަޅިއަކުން ހަމަލާދިން ކަމަށާއި ވަޅިއަކުން ދެފަހަރަކު ހަމަލާދިންކަމަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ޝަރީޢަތަށް ހުށަހަޅާފައިވާ ހެއްކާއި ބަބުލްގެ އިއުތިރާފުން އޭނާ ޝާހް އަލަމް މަރާލާފައިވާކަން ސާބިތުވާ ކަމަށާއި ހަމަލާ ދިނުމަށްފަހު އެކަން ސިއްރުކުރުމަށް ބަބުލް މަސައްކަތް ކޮށްފައިވާކަންވެސް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންވެ ޝާހް އަލަމް މަރާލުމުގެ ގަސްދު ބަބުލްގެ މައްޗަށް އޮތްކަމަށް ޝަރީޢަތަށް ސާބިތުވާކަމަސް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ޝާހް އަލަމްގެ ވާރިސުންގެ ބަޔާންތައް ވަނީ ހުށަހަޅާފައެވެ. ވާރިސުން ބަބުލްގެ މައްޗަށް ކަނޑައަލަން ބޭނުންވާ އަދަބަކީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނެގުން ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންވެ، ބަބުލް އުމުރަށް ޖަލަށްލުމާއެކު 1 މިލިޔަން ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ބަބުލް މިއާ އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ މި މައްސަލައާ ގުޅިގެން އޭނާ މިހާތަނަށް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު 18 އަހަރާއި 8 މަހާއި 19 ދުވަހުގެ މުއްދަތަކަށެވެ. އަދި 1 މިލިޔަން ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ހުކުރމް ކޮށްފައެވެ.