ޚަބަރު

ސުޒެއިރަށް ހަރުކަށި ފިޔަވަޅު އަޅައިދޭން އެދިއްޖެ


  • ނިއުގެ އެސިސްޓަންޓް ކޯޗުގެ މޫނުމަތީގައި ސުޒެއިރު ޖެހިކަމަށް ބުނެފައިވޭ

  • ފުޓުބޯޅައިގައި މާރާމާރީ ހިންގަން ފުރުސަތުދީގެން ނުވާނެކަމަށް ބުނެފައިވޭ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ޚާއްސަ މޮޅެއް ހޯދި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، މާޒިޔާގެ އެސިސްޓެންޓް ކޯޗު، އަޙްމަދު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސިކޭރާ ބާބޯސާއަށް ހަމަލާދިން މައްސަލަ، ނިއުއިން އެދިއްޖެއެވެ.

މި މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މެޗުގެ 68ވަނަ މިނެޓުގައި މާޒިޔާގެ އަބްދުﷲ ލޫތަށް، ނިއުގެ އިބްރާޙީމް މައިސާން ކުރި ފައުލަކާ ގުޅިގެން ރެފްރީ ކުޅުން މެދުކަނޑާލަން ކަށިގަނޑު ފުމުނު ފަހުން، ނިއުގެ އަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ލޫތުގެ ގައިގައި ޖެހުނު ހިސާބުންނެވެ.

މިއާއިއެކު ބިލިޓީއާއި ލޫތު ކުރިމަތިލާން ދިޔަވަގުތު ނިއުގެ އީތަން އިބްރާޙީމް ޒަކީ، ލޫތުގެ ގައިގައި އަތްއަޅައި ކޮށްޕާލުމުން، މާޒިޔާގެ ޙަސަން ޝިފާޒް ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިއެވެ. އަދި ފަހުން އެހެން ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުން ވެސް، ހަމަނުޖެހުން ހިންގުމުގައި ވެސް އަދި ހުއްޓުވުމުގައި ވެސް ބައިވެރިވެފައިވެއެވެ.

ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން، މި ހަމަނުޖެހުންތަކުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނު މަތީގައި ޖަހާ މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ނިއުއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަނުޖެހުން އެ ކުލަބުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ތެރެއިން ލޫސިއާނޯއަށް ސުޒެއިރު ދިން ހަމަލާއާ ގުޅިގެން އޭނާއަށް އަނިޔާވެފައިވާކަން ވެސް އެ ބަޔާނުގައި ފާޙަގަކޮށްފައިވެއެވެ.

ފުޓުބޯޅައިގައި "ފިޒިކަލް އެގްރެޝަން" އަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ފުޓުބޯޅައިގެ އެންމެ އަސާސީ، އެންމެ މުހިންމު އުސޫލުތަކާއި ހަމަތަކާ ޚިލާފުވެ، ސަލާމަތްތެރިކަން ގެއްލިގެންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ދަނޑުމަތީގައި ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ސުޒެއިރު ހިންގި އަމަލާ ގުޅިގެން އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް، ދިވެހި ފުޓުބޯޅައިގެ ބަލަދުވެރި ފަރާތް، އެފްއޭއެމުން ދޭނެކަމަށް އުއްމީދުކުރާކަމަށް ނިއުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ މި މެޗުން ނިއުރޭޑިއަންޓް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނިއު މޮޅުވި ލަނޑު، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ 10 މިނެޓުގެވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޮމޭޒް ނަސިމެންޓޯ (ޑޯރީ) އެވެ.

މިއީ ފުރަތަމަ ޑިވިޝަނަށް އެނބުރި އައިފަހުން ނިއުރޭޑިއަންޓަށް، މާޒިޔާ އަތުން މޮޅެއް ހޯދުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. މި ސީޒަނުގައި މިހާތަނަށް ނިއުއާއި މާޒިޔާ ހަތަރު ފަހަރު ކުރިމަތިލާފައިވާއިރު، އޭގެތެރެއިން ދެ މެޗުން މާޒިޔާ މޮޅުވިއިރު ނިއު އެއް މެޗުން މޮޅު އަދި އެއް މެޗުގައި ދެ ޓީމު އެއްވަރުވެފައިވެސް ވެއެވެ.