ޚަބަރު

ނަތަންޔާހޫއާއި ޓްރަމްޕް ވެރިކަމުން ދުރުކުރަންދެން ހުރްމުޒް ބަންދުވާނެ: އީރާން


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރަންދެން، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމުގައި އީރާނުގެ އިސް ސިޔާސީ މުޝީރެއް ކަމުގައިވާ މުޙައްމަދު-ބާޤިރު ޛުލްޤަދްރު ވިދާޅުވެއްޖެއެވެ. މި ނިންމެވުމަކީ ބަދަލުހިފުމުގެ ފުރަތަމަ މަރުހަލާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާން ބަލިކަށިކޮށްލުމަށް ދުޝްމަނުން ރޭވި ރޭވުންތަކަށް އެ ޤައުމުގެ ރައްޔިތުން ހުރަސްއަޅައި، އެ އަމާޒުތައް ނާކާމިޔާބު ކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގު ބަންދުވުމުން ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ހަމަމިއާއެކު، ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ރައްދުދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމުގައި އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) އިސް ކޮމާންޑަރެއް ކަމުގައިވާ ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޙަސަންޒާދާ ވިދާޅުވިއެވެ. މިސައިލާއި ޑްރޯން ޓެކްނޮލޮޖީ އަދި ވައިގެ ދިފާޢީ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގައި ސިޔާސީ އަދި އިޤުތިޞާދީ ފިއްތުންތައް ދަނީ ބޮޑުވަމުންނެވެ. އީރާނުގައި އެމެރިކާގެ އަސްކަރީ ބައިވެރިވުން ނިމުމަކަށް ގެނައުމަށް އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވަނީ ތިންވަނަ ފަހަރަށް ޤަރާރެއް ފާސްކޮށްފައެވެ. ކޮންގްރެސްގެ ހުއްދައެއް ނެތި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓައިލާ، ހަނގުރާމައަށް ފޮނުވާފައިވާ ސިފައިން އަނބުރާ ގެންދިޔުމަށް ގޮވައިލާ މި ޤަރާރު ފާސްވީ 220 މެންބަރުންގެ ވޯޓުންނެވެ. މި ޤަރާރާ ދެކޮޅަށް 204 މެންބަރުން ވޯޓު ދެއްވިއެވެ.

ކޮންގްރެޝަނަލް ބަޖެޓް އޮފީހުގެ ރިޕޯޓުގައިވާ ގޮތުން، އޯގަސްޓް 1 ގެ ނިޔަލަށް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަގެ ޚަރަދުތައް ވަނީ 38 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މީގެއިތުރުން، އީރާނުގެ ހަމަލާތަކުގައި ކުވައިތު، ބަޙްރައިން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޢިރާޤު އަދި ޢުމާން ހިމެނޭހެން އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދިފާޢަށް ބޭނުންކުރާ އިންޓަރސެޕްޓަރ މިސައިލްތައް ހުސްވުމާއި، ހަނގުރާމަ ދިގުދެމިގެންދާ ކޮންމެ މަހަކު އިތުރުވާ ބޮޑެތި ޚަރަދުތަކުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގައި އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް އިތުރަށް އުފުލިގެންދާނެ ކަމުގައި ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.