ޚަބަރު

ކުރީ ސަރުކާރުތަކުގެ ދަރަނީގެ ތެރެއިން 1.3 ބިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފިން: ރައީސް


  • މިއީ ދަރަނިން ސަލާމަތްވެ، ހަރު މުދާތައް ރަހުނުން ސަލާމަތްކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވި

  • ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ވަނީ ޚަލާސްކޮށްފައި

ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 1.3 ބިލިޔަން ޑޮލަރު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދަރަނިން ސަލާމަތްވެ، ހަރުމުދާތައް ރަހުނުން ސަލާމަތްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން ބުރާސްފަތި ދުވަހު 50 މިލިޔަން ޑޮލަރު ދައްކާފައިވާކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ވާހަކަ ނުދައްކަން ބައެއް ފަރާތްތަކުން އެދެމުންދާކަމަށް ފާހަގަކުރައްވާ ރައީސްވަނީ އެ ފަރާތްތަކުގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. އެފަދަ ފަރާތްތަކުން އެދެނީ ރާއްޖެ ދަރަނިވެރިވުން އެއީ ނުވާކަމަކަށް ހަދަންތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

"އެކަން އެއީ އެހެންވީ ކަމެއް ނޫނޭ ބުނާކަހަލަ. އެވާހަކަ ނުދައްކާށޭ. އަދި ދަރަނި ނެގީ އެކަންޏެއްވެސް ނޫނޭ އަޅުގަނޑުމެންގެ ހަރު މުދާތައް ވެސް ވިއްކާލާފައި. ނޫނީ ރަހުނުކޮށްފައި. އަޅުގަނޑުމެން 532 މިލިއަން ޑޮލަރު ސުކޫކު އެއްކޮށް ދައްކާ ނިންމީ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެ ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަަދާކުރުމަށް 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރުވަނީ ވިދާޅުވެފައެވެ. މިއީ ފާއިތުވި 9 އަހަރުގެ ތެރޭގައި ދަރަނިތައް ދެއްކުމަށް ދައުލަތުން ހޭދަކުރި މިންވަރަށްވުރެ އިތުރު އަދަދެކެވެ.